Last Updated: July 27, 10:35
Saturday, July 27, 2024
މުނިފޫހިފިލުވުން

ވަރޫން އާއި ސިދާތުގެ އެޕިސޯޑް މަޖާވާނެ

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭ ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން 8" ގެ ކުރިއަށް އޮތް އެޕިސޯޑް ވަރަށް މަޖާވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަންނަ ބުދަ ދުވަހުގެ ރޭ ސްޓްރީމިން އަށް ދޫކޮށްލާ މި އެޕިސޯޑްގެ މެހުމާނުންނަކީ ވަރުން ދަވަނާއި ސިދާތު މަލްއުތުރާ އެވެ. މީގެ ޕްރޮމޯ ހަމަގައިމު ވެސް މަޖަލެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ނުފޫޒު ގަދަ ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ މި ދެ ތަރިންނަކީ ކަރަން ބޮލީވުޑަށް ނެރުނު ބައެކެވެ. އެއީ އޭނަ ޑައިރެކްޓްކުރި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ. އެ ފިލްމަކީ އާލިއާ ބަޓް ވެސް ތައާރަފުވި ފިލްމެވެ.

ކަރަންގެ ފިލްމަކުން ވަރޫން އާއި ސިދާތު ބޮލީވުޑަށް އެކްޓަރުންގެ ގޮތުގައި ނެރުމުގެ ކުރިން ޝާހްރުކް ޚާނާއި ކާޖޮލްއާ އެކީ ކަރަން 2010 ގައި ގެނެެސްދިން ފިލްމު "މައި ނޭމް އިޒް ޚާން" ގެ އެސިސްޓެންޓް ޑައިރެކްޓަރުންގެ ގޮތުގައި ކާމިޔާބު ދެ އެކްޓަރުން މަސައްކަތްކުރި އެވެ.

ވަރޫން އާއި ސިދާތަކީ ކަރަންގެ ފިލްމު ކުންފުނި، ދަރުމާގެ ޕްރޮޑަކްޝަންގެ ފިލްމުތަކުން ވަރަށް ގިނައިން މިހާރު ފުރުސަތު ވެސްޔޮ ލިބޭ ދެ ތަރިންނެވެ. ބަތަލާ ކިއާރާ އަދުވާނީއާ ކައިވެނިކޮށްގެން އުޅޭ ސިދާތުގެ ކުރިއަށް އޮތް ފިލްމަކީ ވެސް ދަރުމާގެ އެއްޗެކެވެ. އެއީ އަންނަ އަހަރުގެ މާޗްގައި ގެނެސްދޭން ހަމަޖެހިފައިވާ "ޔޯދާ" އެވެ.

މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅު ވަރޫން އެންމެ ފަހުން ކުޅުނު ދަރުމާގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖުގް ޖުގް ޖިއޯ" އެވެ.