އައްޑޫ ސިޓީ ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެެއްޖެއެވެ. ހިތަދޫގައި ހުންނަ އީސީސީ އާއި ދިމާލުން ދުއްވާފައި ދިޔަ މި ކާރުގައި އަލިފާން ރޯވެ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
މި ހާދިސާގައި ކާރުގެ ޑްރައިވަރަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކާރަކީ ހިތަދޫގައި އާގަލާ މާޓް ހިންގާ އަހުމަދު ހަސަންދީދީ (ސިއްރާ) ގެ ކާރެކެވެ. މި ކާރަކީ ބީއެމް ޑަބްލިއު ބްރޭންޑްގެ ކާރެކެވެ.
ކާރުގައި ރޯވި ކަމުގެ މައުލޫމާތު ލިބިގެން ހިތަދޫގައި ތިބޭ ފަޔާމަނުން ގޮސް ފެން ޖަހައި ކާރު ނިއްވާލަން މަސައްކަތް ކުރި އެވެ. އެކަމަކު ނިއްވާލެވުނު އިރު، ކާރު އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

"ކާރުގެ ކުރީކޮޅުން ދުން އަރަން ފެށުމާއި އެކު ޑްރައިވަރ އަވަހަށް ކާރުން ފޭބީ. ހަމަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކާރުގައި އެއްކޮށް ރޯވި ތަން ދެން ފެނުނީ،" މަންޒަރު ދުށް މީހަކު "އައްޑޫ ލައިވަ" އަށް ބުންޏެވެ.
ކާރުގެ ވެރިފަރާތުން މައުލޫމާތު ދިން ގޮތުގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ގެނައި ބީއެމްޑަބްލިއު ކާރުގައި މީގެ ކުރިން އެއްވެސް މައްސަލަައެއް ޖެހިފައެއް ނުވެއެވެ.