ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ވަތަނީ ފިލްމު "އޭ ވަތަން…މޭރޭ ވަތަން" ގެ ފުރަތަމަ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ޕޯސްޓަރު ދައްކައިލީ ގޯއާގައި މިހާރު ކުރިއަށްދާ 54 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) ގަ އެވެ.
އެ ހަފުލާގައި ފިލްމުގެ ޓީމުން ބައިވެރިވި އެވެ.
އެމެޒޯން ޕްރައިމުން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމުގެ ޕޯސްޓަރު ދައްކައިލި ނަމަވެސް، ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. "އޭ ވަތަން…މޭރޭ ވަތަން" ގެ ޑައިރެކްޓަރަކީ ކަންނާން އައްޔަރެވެ. އޭނަ އަކީ 2013 ގެ ސުޕަނެޗްރަލް ތުރިލާ "އޭކް ތީ ޑާޔަން" ގެނެސްދިން ޑައިރެކްޓަރެވެ.
ކަންނާންގެ ފިލްމުގައި ސާރާ ކުޅެފައި ވަނީ އިންޑިއާ އަށް މިނިވަންކަން ހޯދި ކުރި މަސައްކަތުގެ ދުވަސްވަރު އަންޑަ-ގްރައުންޑް ރޭޑިއޯއެއްގެ ގޮތުގައި ހިންގި ކޮންގްރެސް ރޭޑިއޯގައި މަސައްކަތްކުރި މީހެއްގެ ވާހަކަ އެވެ.
"އޭ ވަތަން…މޭރޭ ވަތަން" ގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ 1942 ގައި ފެށުނު "ކްއިޓް އިންޑިއާ މޫވްމަންޓް" އަށެވެ. އަދި އެ ދުވަސްވަރުގެ އަންޑަގްރައުންޑް ރޭޑިއޯ ސްޓޭޝަން، ކޮންގްރެސް ރޭޑިއޯ އާއި އޭގައި މަސައްކަތްކުރި އޫޝާ މެހެތާގެ ވާހަކަ ފިލްމުގައި ކިޔައި ދޭނެ އެވެ. "އޭ ވަތަން…މޭރޭ ވަތަން" ގައި ވަރަށް ބޮޑަށް އަޅިއަޅުވައިލާނެ އެވެ.
މިގެ ސްކްރީންޕްލޭ ލިޔުނީ ކަންނާން އާއި ދަރަބް ފާރޫގީ އެވެ.
"އޭ ވަތަން…މޭރޭ ވަތަން" އިން ވަރޫން ދަވަން ވެސް ފެންނާނެ އެވެ.