އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
އީސީން ބުނީ ރޯދައިގެ ކުރިން އެ އިންތިހާބު ބާއްވަން ބޭނުން ވަނީ އިންތިހާބު ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތަކާ ދިމާވާތީ ކަމަށެވެ. އެހެންވެ ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އީސީން އެދިފައިވެ އެވެ.
ކޮމިޓީ ބައްދަލުވުމުގައި އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ އަހަރުގެ މެއި 28 އަށް ހަމަވާ އިރު ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. އެހެންވެ ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބުކުރުމުން އިންތިހާބު ބޭއްވެނީ މާޗު 19 ގައި ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް އޯ ލެވެލް އަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ މޮކް ޓެސްޓުތައް އެ ދުވަސްކޮޅު އޮންނާނެތީ އެ ދުވަސްވަރު ވޯޓުލާނެ މަރުކަޒުތަކުފެ ގޮތުގައި ސްކޫލްތައް ހަމަނުޖެއްސޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި ރޯދަ މަހު އިންތިހާބު ބާއްވާ ނަމަ އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމުގެ މަސައްކަތްތައް ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ރޯދައިގެ ތެރޭގައި ކެންޑިޑޭޓުންނަށް ކެމްޕޭން ވެސް ކުރަން ދަތިވާނެކަން އީސީން ފާހަގަކުރި އެވެ.
އެހެންވެ އެކަންކަމަށް ރިއާޔަޔްކޮށް ކޮމިޝަނުން ވަނީ އިންތިހާބު ރޯދައިގެ ކުރިން ބޭއްވި ދާނެ ދެ ގޮތެއް ހުށަހަޅައިފަ އެވެ. އެއީ
ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށް ފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރުކޮށް މާޗް ނުވަވަނަ ދުވަހު އިންތިޚާބު ބޭއްވުން ނުވަތަ އިންތިޚާބު އިއުލާން ކުރަން ޖެހޭ ކަމަށް ގާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކޮށް، އިންތިހާބު އަވަހަށް ބޭއްވުމެވެ.
އެހެންވެ މިކަމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް ހިޔާލު ހޯދަން އީސީން ވަނީ ނިންމާފައެވެ. އަދި ގޮތެއް ނިންމާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިތުރަށް ބަހުސް ކުރުމަށް ފަހު އެވެ.
އަންނަ އަހަރު ބާއްވާ އިންތިހާބުގައި މަޖިލީހަށް 93 މެންބަރުން ހޮވާނެ އެވެ. މިހާރު މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 އެވެ.