ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ތޮލާލް އައްޔަން ކުރައްވައިފި އެވެ.
މި މަގާމަށް ތޮލާލް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަގާމަށް ތޮލާލް އައްޔަން ކުރެއްވީ މިނިސްޓަރުގެ ފެންވަރުގަ އެވެ.
ތޮލާލް މިހާތަނަށް ހުންނެވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގަ އެވެ. ތޮލާލް އަންނަނީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުންނެވެ.
ސްޕޯޓްސް ކޮމިޝަނާގެ އޮފީހަކީ 2015 ވަނަ އަހަރު ކުޅިވަރުގެ ގާނޫނުގެ ދަށުން ރައިސްލުޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ. ކުޅިވަރުގެ ގާނޫނުގައި ވާގޮތުން ސްޕޯޓްސް ކޮމިޝަނަރަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބްތަކުގެ މަސައްކަތް ބަލަހައްޓާ ފަރާތެވެ.