Last Updated: May 2, 08:37
Thursday, May 2, 2024
ޚަބަރު

ކޮޕް ސަމިޓަށް ރައީސް ވަޑައިގަންނަވަނީ

މި މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 28) ގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީ އަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި މި ޙަފްލާގައި ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ކޮޕް ބައްދަލުވުމަކީ ޚާއްޞަކޮށް ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ. އަދި 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ 'ގްލޯބަލް ސްޓޮކް ޓޭކް' ގައި ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވޭނެކަން ޔަގީންކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތްކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ވަނީ ކޮޕް-28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫއޭއީ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި، ޔޫއޭއީ ގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ޔޫއޭގައި ބާއްވާ ކޮޕް ސަމިޓް ކުރިއަށްދާނީ މި މަހުގެ 30 އިން އަންނަ މަހުގެ 12 ގެ ނިޔަލަށެވެ.