Last Updated: May 11, 14:59
Sunday, May 11, 2025
ޚަބަރު

އަލީ ރަމީޒް ޗެކްކޮށްލީ "ޓަޗް" ހުރިތޯ!

އަލީ ރަމީޒަކީ ބޮޑު މަޝްހޫރު ކަމެއް ހޯދި ލަވަކިޔުންތެރިއެކެވެ. އެކަމަކު ފަހުން މިއުޒިކް ދޫކޮށްލައި އޭނަގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް ގެނަ އެވެ. މިއުޒިކް ދޫކޮށްލި ނަމަވެސް އަލީ ރަމީޒުގެ އަޑުން މަދަހަތައް އިވެ އެވެ.

އެގޮތުން އޭނަ ކުރިން ކިޔާފައިވާ ވަރަށް މަގުބޫލު މަދަހައެއް ކަމަށްވާ "ތިޔައޭ ރަސޫލަކީ، ތިޔައޭ ނަބިއްޔަކީ" ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި އެވެ. އޭގައި ކެޕްޝަނަކަށް ލިޔެފައި އޮތީ "އަދިވެސް ޓަޗް ހުރިތޯ ބަލާލީ" ކަމަށެވެ.

މި ވީޑިއޯ އަށް އަށް ފޭސްބުކްގައި އެތައް ހާސް ލައިކަކާއި ކޮމެންޓެއްގެ އިތުރުން އެތައް ބަޔަކު ހާސް ބަޔަކު ވީޑިއޯ ޝެއާ ވެސް ކުރި އެވެ. "ޓަޗް ހުރިތޯ ބަލާލަން" އަލީ ރަމީޒް ޓެސްޓަކަށް ދޫކޮށްލި ވީޑިއޯ އަށް ލިބުނު ތަރުހީބުން އެނގުނީ އަދިވެސް ވަރަށް ބޮޑަށް "ޓަޗް ހުރި" ކަމެވެ.

އެހެންވެ ފަހުން އޭނަ ކުރި ޕޯސްޓެއްގައި ވަނީ އެއަށް ލިބުނު ތަރުހީބާ އެކީ ޝުކުރު އަދާކޮށްފަ އެވެ. އަދި "ތިޔައޭ ރަސޫލަކީ، ތިޔައޭ ނަބިއްޔަކީ" މަދަހައިގެ ފުލް ވާޝަނަށް ވަރަށް ގިނަ ބަޔަކު ރިކްއެސްޓްކޮށްފައިވާތީ އެ އަލުން ރެކޯޑްކޮށް ހަދިޔާއަކަށް ދޫކޮށްލާނެ ކަމަށް ބުންޏެވެ.

އެކަމާ ގުޅިގެން ވަރަށް ގިނަ މީހުން ޝުކުރު އަދާކޮށް، އޭގެ އިންތިޒާރުގައި ތިބި ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި މިއުޒިކީ ފަންނާނަކަށް ދުވަހަކު ވެސް ނުލިބޭ ވަރުގެ މަޝްހޫރުކަމަކާއި ލޯތްބެއް ހޯދި އަލީ ރަމީޒު މިއުޒިކީ ކެރިއަރުގައި ސިއްކަ ޖެހުމަށް ފަހު، ފަހުން ބޮޑަށް ހާއްސަވީ ދީނީ މައުލޫމާތު ފެތުރުމާއި ދީނީ ކަންކަމަށް ހޭލުންތެރިކަން އުފެއްދުން ފަދަ މަސައްކަތްތަކަށެވެ.

އަލީ ރަމީޒުގެ އަޑަށް ލޯބިކުރާ މީހުންނަށް އޮތް އުފަލަކީ އޭނަގެ އަޑުން މިހާތަނަށް ވަރަށް ގިނަ ރީތި މަދަހަތަކެއް ވެސް ގެނެސްދީފައިވުމެވެ.