Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ހަނގުރާމަ މެދުކަނޑާލަން އިޒްރޭލުން އެއްބަސްވެއްޖެ

އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ މެދުކަނޑާލުމާ ގުޅޭ އެއްބަސްވުން އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފި އެވެ.

ގަތަރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އެކުލަވާލި މި އެއްބަސްވުމުގައިވާ ގޮތުން ހަނގުރާމަ މެދުކަނޑާލަން ނިންމާފައިވަނީ ހަތަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ 50 މީހަކު ދޫކޮށްލަން ނިންމާފައިވާ އިރު އިޒްރޭލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 150 މީހަކު ވެސް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ތެރޭގައި މަރުގެ ހުކުމް އިއްވާފައިވާ މީހުން ނުހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދުވާލަކު އިންސާނީ އެހީއާއެކު އަންނަ 300 ޓްރަކް ވެއްދުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ހަނގުރާމަ މެދުކަނޑާލާފައި އޮންނަ މުއްދަތުގައި ގާޒާ އަށް ތެޔޮ އެތެރެކުރުމުގެ ހުއްދަ ވެސް އިޒްރޭލުން ދޭން ޖެހެ އެވެ.

އިޒްރޭލުގެ ކެބިނެޓުން މި އެއްބަސްވުން ފާސްކުރި ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ތާރީހެއް އެގައުމުގެ ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.