Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ވިލިނގިއްޔަށް "ނޮވެމްބާ" އަންނަނީ

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ މަހު އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ނޮވެމްބާ" ރިލީޒްކުރާ ހަފުތާގެ ތެރޭގައި އަތޮޅުތެރޭގެ ރަށެއްގައި ވެސް ދައްކާ ގޮތަށް ނިންމައިފި އެވެ.

އެ ސްޓޫޑިއޯ އިން ބުނީ އަންނަ މަހުގެ 4 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމު އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވާ ރަށަކީ ގއ. ވިލިގިނިލި ކަމަށެވެ. އެ ރަށުގައި ފިލްމުގެ ދެ ޝޯއެއް ދައްކަން ޕްލޭންކޮށްފައި ވަނީ އަންނަ މަހުގެ 7 އާއި 8 ގަ އެވެ. އެހެންވެ އެ ޝޯތަކުގެ ޓިކެޓް ބުކްކުރަން ދެ ހޮޓްލައިން ނަމްބަރެއް ވެސް ހިއްސާކޮށްފައިވެ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ނޮވެމްބާ" އަކީ ޑާކް ރެއިނުން މި އަހަރު ސްކްރީނަށް ގެންނަ ދެވަނަ ފިލްމެވެ. ފެބްރުއަރީ 6 ގައި ގެނެސްދިން "ބީވީމާ" ފަހު އެ ސްޓޫޑިއޯ އިން ބެލުންތެރިންނަށް ދޫކޮށްލާ "ނޮވެމްބާ" އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މީގެ ލީޑް ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

ސިންގަޕޫރާއި މާލެ އާއި އައްޑު އާއި ލ. އަތޮޅާއި ދ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށުގައި މަންޒަރުތައް ނަގާފައިވާ "ނޮވެމްބާ" އަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ. މީގެ ބަޖެޓަކީ 1.6 މިލިއަން ރުފިޔާ އެވެ.

މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް އަންނަ 9 ވަނަ ފިލްމެވެ. އަދި ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ތިން ވަނަ ފިލްމެވެ. އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދިން ދެވަނަ ފިލްމަކީ މީޑިއާނެޓް މެދުވެރިކޮށް، މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.