Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ކާތިކަށް ކަރަންގެ ފިލްމެއް

މީގެ ދެ އަހަރު ކުރިން "ދޯސްތާނާ 2" އިން ވަކިކުރި ކާތިކް އާރިއަނާ އެކީ ފިލްމެއް ހަދަން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިއަދު އިއުލާންކޮށްފި އެވެ.

ނަން އަދި ހާމަނުކުރާ މި ފިލްމަކީ ކަރަންގެ އަމިއްލަ ފިލްމު ކުންފުނި، ދަރުމާ އާއި އެކްތާ ކަޕޫރްގެ ބާލާޖީ ފިލްމްސްއާ ގުޅިގެން ހަދަން ނިންމާފައިވާ އެއްޗެކެވެ. މިކަން އިއުލާންކޮށް ބުނެފައި ވަނީ ފިލްމުގެ ޑައިރެކްޓަރަކީ ސަންދީޕް މޯދީ ކަމަށާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އޮގަސްޓް 15، 2025 ގައި ކަމަށެވެ.

ސަންދީޕަކީ މި އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން އަދިތިޔާ ރޯއި ކަޕޫރާއި އަނިލް ކަޕޫރްގެ ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ ޑައިރެކްޓަރެވެ.

ކަރަންގެ ޕޯސްޓްގައި ވަނީ ކާތިކަށް މިއަދު 33 އަހަރު ފުރިފައިވާތީ އުފަން ދުވަހުގެ ތަހުނިޔާ ވެސް ކިޔައިފަ އެވެ.

ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް، ދަރުމާ އަށް ސޮއިކުރި ފުރަތަމަ ފިލްމު "ދޯސްތާނާ 2" އިން 2021 ގެ ކުރީކޮޅު ވަކިކުރީ އެ ފިލްމުގެ ޝޫޓިން ވެސް 2019 ގައި ފަށައި، ފިލްމުގެ 20 ޕަސެންޓް ނިމިފައި ވަނިކޮށެވެ. ކޮލިން ޑި ކަންހާ ޑައިރެކްޝަނާ ހަވާލުވި ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި އާ އެކްޓަރު ލަކްޝަން ލަވްވާނީ ވެސް ހިމެނެ އެވެ.

ކާތިކް ވަކިކުރި ފަހުން "ދޯސްނާ 2" އޮތީ ހުއްޓިފަ އެވެ. އަދި އޭގެ އެއްވެސް އަޕްޑޭޓެއް ފަހަކުން ދަރުމާ އިން ހާމައެއް ނުކުރެ އެވެ.

"ދޯސްތާނާ 2" އިިން ކާތިކް ވަކިކުރި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. އެކަމާ ހެދި ކަރަން އާއި ކާތިކްގެ ގުޅުން ގޯސްވެ، ދެ މީހުން ވާހަކަ ވެސް ދެއްކުން ހުއްޓާލި އެވެ. އެކަމަކު މި އަހަރުގެ ކުރީކޮޅު އޮސްޓްރޭލިއާގައި ބޭއްވި އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގެ ތެރޭގައި ކާތިކާއި ކަރަންގެ ގުޅުން އިޔާދަކޮށްފައިވެ އެވެ. އެ ފެސްޓިވަލްގެ ތެރޭގައި ދެ މީހުން އެކީގައި ނޫސް ކޮންފަރެންސެއްގައި ވެސް ބައިވެރި އެވެ.

ކަރަންގެ ދަރުމާގެ އާ ފިލްމަކަށް ކާތިކް ނަގާފައި މި ވަނީ އޭނަ އަށް ދެން އެ ސްޓޫޑިއޯގެ ފިލްމަކުން ފުރުސަތު ނުލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިއްބަ އެވެ.

"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ބޫލް ބުލައްޔާ 2" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި "ސަތިއަޕްރޭމް ކީ ކާތާ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ކަބީރް ޚާންގެ "ޗަންދޫ ޗެމްޕިއަން" އާއި ބަޓް ކޭމްޕްގެ "އާޝިގީ 3" ހިމެނެ އެވެ.