Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އަމާޒަކީ ވީހާ ވެސް ބޮޑަށް ހަރަދު ކުޑަކުރުން

މި ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ބޮޑަށް ހަރަދު ކުޑަކޮށް މަސައްކަތްކޮށްގެން ނަތީޖާ ނެރެން މަސައްކަތް ކުރުން ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބާކީ މިއޮތް މުއްދަރުގެ ތެރޭގައި ސަރުކާރުން 200 މިލިއަން ޑޮލަރު ހޯދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ، އިޤުތިޞާދު މެނޭޖު ކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ވެސް އެ އަހަރަށް 500 މިލިއަން ޑޮލަރު ހޯދަން ހިމަނާފައިވާ އިރު، އެ ފައިސާ ނުހޯދިއްޖެ ނަމަ އިތުރަށް ޚަރަދު ކުޑަކުރަން މަޖުބޫރު ވެސް ވާނެ ކަމަށެވެ.

މިނިސްޓަރު ޝަފީގު ވިދާޅުވީ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، އޭގެ ތެރޭގައި 50 މިލިއަން ޑޮލަރު ވެސް ހިމެނޭ ކަމަށާއި އެއީ ބަޖެޓަށް އޮތް އިތުރު ނުރައްކަލަކަށް ވެދާނެ ކަމަށެވެ.

"އެހެންވެ ވީ އެންމެ ބޮޑަކަށް ޚަރަދު ކުޑަކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރަމުން ދިއުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް އަޅުގަނޑު އިލްތިމާސް ވެސް ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުގެ ހުރިހާ މަޝްރޫއެއް ހިމަނާފައި ނެތަސް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަން ރާވާފައިވާ 458 މަޝްރޫއަކަށްވާ 1.5 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނިފައިވާނެ ކަމަށެވެ. އެހެންވެ އެ ބަޖެޓާ އެކު އާ ސަރުކާރުގެ މަޝްރޫއުތައް ފަށައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަމާޒަކީ މިހާތަނަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުން. ނަމަވެސް މި އަހަރު ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހަށް އަންނަ އަހަރުގެ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ފައިސާ ނުލިބިއްޖެ ނަމަ ދެން ކަންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ އިވަނީ 49.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.