އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ މެދުކަނޑާލުމާ ގުޅޭ އެއްބަސްވުމަށް އަމަލުކުރުން އިޒްރޭލުން ފަސްކޮށްފި އެވެ.
ގަތަރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އެކުލަވާލި މި އެއްބަސްވުމުގައިވާ ގޮތުން ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލަން ހަމަޖެހިފައި އޮތީ މިއަދު އެވެ. އެ އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ 50 މީހަކު ދޫކޮށްލަން ނިންމާފައިވާ އިރު އިޒްރޭލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 150 މީހަކު ވެސް ދޫކޮށްލަން ވަނީ ނިންމާﷲަ އެވެ.
އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޒާކީ ހަނެގްބީ ވިދާޅުވީ އެ އެއްބަސްވުމަށް އަމަލުކުރުން ހުކުރު ދުވަހުގެ ކުރިން ނުފެށޭނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.
އިޒްރޭލު ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއްބަސްވުމަށް އަމަލުކުރުން އިޒްރޭލުން ކުއްލި ގޮތަކަށް ފަސްކުރީ އެއްބަސްވުމުގައި ހިމެނޭ ހުރިހާ ކަމަކަށް މުޅިން އަދި އެއްބަސްނުވެވޭތީ އެވެ. އަދި ހަމާސް ޖަމާއަތުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވުމާއި ހަމާސްގެ ބެލުމުގެ ދަށުގައިވާ މީހުންގެ ތެރެއިން ދޫކޮށްލަން ހަމަޖެހިފައިވާ މީހުންގެ ނަންތައް ހިމެނޭ ލިސްޓު ލިބިފައި ނުވުމަކީ ވެސް އެއްބަސްވުމަށް އިޒްރޭލުން އަމަލުކުރުން ފަސްކުރި ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިކަމާ ގުޅޭގޮތުން ހަމާސް ޖަމާއަތުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިޒްރޭލުން ހަނގުރާމަ މެދުކަނޑާލުމާ ގުޅޭ އެއްބަސްވުމަށް އަމަލުކުރުން ފަސްކުރިއިރު އެގައުމުގެ ސިފައިން ރޭ ވެސް ވަނީ ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް މެދުކެނޑުމެއް ނެތި ހަމަލާތަކެއް ދީފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.