އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ގެ ލަވައެއް ދައްކާލައިފި އެވެ.
"މުންނާބާއީ" އާއި 3 އިޑިއަޓްސް" އާއި ޕީކޭ" އަދި "ސަންޖޫ" ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދާފައިވާ މި ފިލްމުން ބެލުންތެރިިންނަށް ދޫކޮށްލި ފުރަތަމަ ލަވަ އަކީ ޝާހްރުކްގެ ނެށުންތަކެއް ފެނިގެންދާ އަދި ބަތަލާ ތާޕްސީ ޕައްނޫގެ ހަރަކާތްތަކެއް ވެސް ފެންނަ "ލުޓް ޕުޓް ގަޔާ" އެވެ. ޕްރިތަމްގެ މިއުޒިކަށް މި ލަވަ ކިޔާފައި ވަނީ މިހާރުގެ އެންމެ މަގުބޫލު ފިރިހެން އަޑު ކަމަށްވާ އަރިޖިތު ސިންގު އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޑަންކީ" އިން ލަވައެއް ދައްކައިލި އިރު، ފިލްމުގެ ޓްރެއިލާ އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާކުރަމުންނެވެ. މީގެ ކުޑަ ޓީޒާއެއް މިދިޔަ މަހުގެ ތެރޭގައި ދައްކައިލި އެވެ.
ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާފައިވާ މި ކޮމެޑީ-ޑްރާމާގެ ކާސްޓްގައި ވިކީ ކޯޝަލް، ބޮމަން އިރާނީ، ސަތިޝް ޝާހްގެ އިތުރުން ހާއްސަ ފެނިލުމެއްގައި ދަރުމެންދުރާ ވެސް ހިމެނެ އެވެ.
"ޑަންކީ" ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ. މިއީ މި އަހަރު ރިލީޒްކުރާ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. އޭނަގެ "ޖަވާން" އާއި "ޕަތާން" އަކީ މި އަހަރުގެ އެންމެ ބޮޑު ހިޓްތަކެވެ.