ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަނު ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް މުޣުނީ އައްޔަނު ކޮށްފައިވަނީ މިއަދު ކަމަށެވެ.
ކުރީ ސަރުކާރުގައި މުޣުނީ އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ. އޭގެ ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސްމަޤާމުތައް ފުރުއްވާފައިވެއެވެ.
މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.