Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ޖޭމްސް ބޮންޑްގެ ފިލްމަކާ ހަވާލެއް ނުވަން

ޖޭމްސް ބޮންޑް ސީރީޒްގެ ކުރިއަށް އޮތް ފިލްމު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނަ ދޮގުކޮށްފި އެވެ.

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އޯޕަންހީމާ" ގެ ޑައިރެކްޓަރު އެސޯސިއޭޓް ޕްރެސް އަށް ބުނީ ބޮންޑް ސީރީޒްގެ 26 ވަނަ ފިލްމުގެ ޑައިރެކްޓަރަކީ އޭނަ ކަމަށް ބުނެ ދެކެވޭ އަކީ އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.

"ހިތާމައާ އެކޫ ބުނަން ޖެހެނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެކޭ." އޭނަ ބުންޏެވެ.

ދެހާސް އެކާވީހުގައި ރިލީޒްކުރި ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ޑައިރެކްޓްކުރާނީ ނޯލަން ކަމަށް ބުނެ މީގެ ފަސް އަހަރު ކުރިން ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ. ނަމަވެސް އެ ފިލްމު ޑައިރެކްޓްކުރީ ކެރީ ޖޯޖީ ފުކްނާގާ އެވެ.

ނޯލަން އަކީ ވަރުގަދަ ފިލްމުތަކެއް ކަމަށްވާ "މެމެންޓޯ"، "އިންސޯމްނިއާ"، "ބެޓްމޭން ބިގިންސް"، "ދަ ޑާކް ނައިޓް"، "ޑަންކާކް" އަދި "ޓެނެޓް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ބޮންޑްގެ 26 ވަނަ ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް ބޮންޑްގެ ޓީމުން މިހާތަނަކަށް އަދި ނުދެ އެވެ. މިދިޔަ މަހު ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ ބުނެފައިވާ ގޮތުގައި "ނޯ ޓައިމް ޓު ޑައި" އާ އެކީ ޑެނިލް ކްރެއިގް ބޮންޑްގެ ރޯލަށް އަލްވަދާއު ކިޔާފައިވާތީ، އެ ރޯލު ދެން ކުޅޭނެ އެކްޓަރަކު ހޯދުމުގެ މަސައްކަތް އަދި ނުފަށަ އެވެ.

ޖޭމްސް ބޮންޑް ތައާރަފުވީ 1962 ގަ އެވެ. އޭ ފުރަތަމަ ފިލްމަކީ އެ އަހަރުގެ "ޑރ. ނޯ" އެވެ. އޭގެ ޓައިޓްލް ރޯލު ކުޅުނީ 2020 ގައި މަރުވި އެކްޓަރު ޝޯން ކޮނެރީ އެވެ.