އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރުކުރީ މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ.
އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާއިރު، މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ލަމްހާ ބަންދުން ދޫކޮށްލާފައިވާއިރު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލައިގައި މިހާތަނަށް އައިއިރު ގިނަ ހެކިންގެ ހެކިބަސްވެސް ނަގާ ނިމިފައިވާ ކަމަށެވެ.
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މޭރީ ގްރޭސްގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އެވެ. އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.