Last Updated: May 2, 10:39
Friday, May 2, 2025
ޚަބަރު

ހިލޭ ހައްޖަށް ފޮނުވާ ފުރަތަމަ ބެޗް އަންނަ އަހަރު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު- ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގެ ފަސް އަހަރުގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދާ އެއްގޮތަށް ހައްޖަށް ފޮނުވާ ފުރަތަމަ ބެޗް މިއަންނަ ހައްޖުގައި ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގައި 5 އަހަރުތެރޭ ދައުލަތުގެ އެހީގަ 1000 މީހުން ހައްޖަށް ފޮނުއްވާނެ ކަމަށް ކަނޑައަޅުއްވާފައިވުމާ އެކު، މިއަންނަ ހައްޖުގައި މީގެ ފުރަތަމަ ބެޗް ހައްޖަށް ފޮނުވޭނެ ކަމަށެވެ.

މިގޮތުން ފުރަތަމަ ހައްޖަށް ފޮނުވާނެ އަދަދު ހައްޖު ކޯޓާގެ ރަސްމީ އަދަދު ހަމަ ޖެހުމުން އިއުލާނު ކުރެވޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި މިގޮތަށް މީހުން ހައްޖަށް ފޮނުވުމުގައި ގެންގުޅޭނެ އުޞޫލު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ހިންގަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް އެ ކުންފުނި ހަދަންޖެހޭ ކަމަށެވެ. އޭރުން ހައްޖަށް ދާ އަގުތައް ކުޑަވެގެންދާނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެންދާނީ ވެރިކަމުގެ ފުރަތަމަ އަހަރު ވެސް ހައްޖަށް ދާ އަގުތައް ކުޑަވެގެންދިޔުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ކެމްޕޭންގައި ޑރ. މުއިއްޒު ވިދާޅުވީ މިހާރުވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހައްޖަށް ނުދެވޭ ފަގީރުން އެބަތިބި ކަމަށާއި ފަސް އަހަރުތެރޭ 1،000 ފަގީރުން ހިލޭ ހައްޖަށް ފޮނުވާނެ ކަމަށެވެ.