Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

ޖޭއެސްސީ އަށް އުޝާމާއި ސަމީރު އައްޔަންކޮށްފި

ފޮޓޯ: ރައީސް އޮފީސް

ޖުޑިސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ދެބޭފުޅަކު އައްޔަނު ކޮށްފިއެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނު ކޮށްފައިވަނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި އަލްއުސްތާޛު މުޙައްމަދު ސަމީރުއެވެ.

މި ދެބޭފުޅުން ޖޭއެސްސީއަށް އައްޔަނުކޮށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.

އުޝާމް ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ ބަންޑާރަނައިބު ޖޭއެސްސީގައި އިންނަވާތީއެވެ. މުހައްމަދު ސަމީރު ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

އުޝާމް ބަންޑާރަނައިބުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައެވެ. އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލްކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ސަމީރު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ކަމުގެ މަގާމާއި، ނަޝީދް އެންޑް ކޯ ގެ ސީނިއަރ އެސޯސިއޭޓްކަމުގެ މަގާމާއި، ސަމީރު އެންޑް ޝަމާމް އެލް.އެލް.ޕީ. ގެ މެނޭޖިންގ ޕާޓްނަރުކަން ހިމެނެއެވެ.