Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ރައީސް ސައުދީ އަށް ވަޑައިގަންނަވާނެ އިރެއް އަދި ނުނިންމަވާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވާ ތާރީހު އަދި ނުނިންމަވާ ކަމަށާއި އެކަން ރަސްމީވުމުން އިއުލާން ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސައުދީގެ މީޑިއާތަކުން މިދިޔަ އަންގާރަ ދުވަހު ރިޕޯޓްކުރި ގޮތުގައި ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި މުއިއްޒު އިއްޔެ ސައުދީ އަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް މުއިއްޒު ފުރާވަޑައިގެންފައެއް ނުވެ އެވެ.

މިކަމާ ބެހޭ ގޮތުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ދަތުރު ފައްޓަވާނެ ތާރީހެއް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރައީސް އޮފީހުން އިއުލާން ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުން މި ދަތުރު ވާނީ މި މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވި ފަހުން، ރައީސް ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރަށެވެ. ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އަމިއްލަ ދަތުރުތަކެއްގައި މުއިއްޒު މިދިޔަ މަހު ދެ ގައުމަކަށް ވަޑައިގަތެވެ. އެއީ ސިންގަޕޫރާއި ޔޫއޭއީއަށެވެ.

ސައުދީ ދަތުރަކަށް ރައީސް ތައްޔާރުވެވަޑައިގަންނަވާ އިރު، އެ ގައުމާ އެކީ ވިޔަފާރީގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރަން ހަމަޖެހިފައިވެ އެވެ. އެގޮތަށް ނިންމީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާ މަޝްވަރާކޮށްގެން ވިޔަފާރިއާ ގުޅޭޭ ދާއިރާގެ އެެއްބަސްވުމެއްގައި ސައުދީގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަންއާ ހަވާލުކުރުމަށެވެ.