ޖޭމްސް ބޮންޑްގެ ރޯލާ ގުޅުވައިގެން އަނެއްކާ ވެސް އާ އެކްޓަރެއްގެ ވާހަކަ ދެކެވެން ފަށައިފި އެވެ. މި ފަހަރު އެ ރޯލާ ގުޅުވާފައި ވަނީ އަރަމުން އޮސްޓްރޭލިއާގެ ޒުވާން އެކްޓަރު ޖެކޮބް އެލޯޑީ އެވެ. އުމުރުން 26 އަހަރުގެ މި އެކްޓަރަކީ ސީރީޒް "ޔޫފޯރިއާ" އާއި ފިލްމުތައް ކަމަށްވާ "ކިސިން ބޫތު"، "ޑީޕް ވޯޓާ" އަދި "ދަ ސްވީޓް އީސްޓް" ފަދަ ފިލްމުތަކުގެ ބަތަލެވެ.
އެލޯޑީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 17 ގައި ރިލީޒްކުރި "ސޯލްޓްބާން" އެވެ.
ޖޭމްސްގެ ބޮންޑްގެ ރޯލުން އެލޯޑީ ފެންނަން ބޭނުންވާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންނެވެ. އެހެންވެ މިކަމާ ބެހޭ ގޮތުން "އެކްސްޓްރާ" އިން ސުވާލު ކުރުމުން ޒުވާން އެކްޓަރު ބުނީ ޖޭމްސް ބޮންޑާ ގުޅުވައިގެން ވާހަކަ ދައްކާތީ އުފާވާ ކަމަށެވެ.
"އަހަރެން މި ވެނި ރޯލަކުން ފެންނަން ބޭނުންވެއޭ ފޭނުން ބުނުމަކީ އަސްލު ވެސް ވަރަށް އުފާވާ ކަމެއް." އެލޯޑީ ބުންޏެވެ.
ނަމަވެސް ބޮންޑްގެ ރޯލު ކުޅުމާ ގުޅޭ ގޮތުން އެއްވެސް އިޝާރާތެއް މިހާތަނަށް ލިބުނުކަމުގެ އެއްވެސް ވާހަކައެއް އޭނަ ހިއްސާއެއް ނުކުރެ އެވެ.
ޖޭމްސް ބޮންޑްގެ ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ މިދިޔަ ބުނެފައި ވަނީ އެ ސީރީޒްގެ 26 ވަނަ ފިލްމަށް އެކްޓަރަކު ހޯދަން އަދި މަސައްކަތް ނުފަށާ ކަމަށެވެ. އަދި އެއީ އުނދަގޫ މަސައްކަތަކަށް ވާނެ ކަމަށް ވެސް އޭނަ ބުންޏެވެ. ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފަސް ފިލްމުގައި ޓައިޓްލް ރޯލު ކުޅުނީ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގެވެ. ދެހާސް އެކާވީހުގައި ރިލީޒްކުރި "ނޯ ޓައިމް ޓު ޑައި" އާ އެކީ އޭނަ ވަނީ އެ ރޯލަށް އަލްވަދާއު ކިޔައިފަ އެވެ.
ޑެނިއަލް ބޮންޑްގެ ރޯލު ދޫކޮށްލަން ބޭނުންވާކަން މީގެ ފަސް ވަރަކަށް އަހަރު ކުރިން އިއުލާންކުރި ފަހުން، އެ ރޯލި ދެން ކުޅެފާނެ ކަމަށް ބުނެ އެތައް އެކްޓަރަކާ ގުޅުވާފައިވެ އެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި ޓޮމް ހާޑީ، ޓޮމް ހިޑެލްސްޓަން، ހެންރީ ކެވިލް، އިޑްރިސް އެލްބާ އަދި ޖެމީ ޑޯނަން ފަދަ ތަރިން ހިމެނެ އެވެ.