އިޒްރޭލުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްތީނުގެ 39 މީހަކު ދޫކޮށްލައިފި އެވެ.
މި ފަރާތްތައް ދޫކޮށްލާފައިވަނީ ގަތަރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލުމާއި ދެ ފަރާތުން ވެސް ހައްޔަރުކޮށްފައިވާ މީހުން މި މުއްދަތުގައި ދޫކުރުން ހިމެނެ އެވެ.
އިޒްރޭލުން ދޫކޮށްލި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 24 އަންހެނުންނާއި 15 ފިރިހެން ކުދިންނެވެ. އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 300 މީހުން ތިބިއިރު އޭގެތެރެއިން 40 ޕަސެންޓް މީހުންނަކީ ކުޑަކުދިންނެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތުން ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލާފައިވާއިރު، ހަމާސް އިން އިއްޔެ ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ 13 މީހަކު ދޫކޮށްލާފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.