Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ސަލްމާން ދެން ކުޅޭނީ "ބުލް"

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސަލްމާން ޚާން ކުޅޭ ފިލްމުގެ ނަމަކީ "ބުލް" ކަން ކަށަވަރުކޮށް ދީފި އެވެ.

ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ބުލް" ކަމަށް ބުނެފަ އެވެ. އަދި އެއާ ގުޅުވައިގެން ބުނީ އޭނަގެ އިތުރު ދެތިން ޕްރޮޖެކްޓެއް ވެސް ކުރިއަށް އެބައޮތް ކަމަށެވެ. އެއީ "ދަބަންގް" ފްރެންޗައިޒްގެ އިތުރު ފިލްމަކާއި "ކިކް" ސީކްއެލްގެ އިތުރުން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ކަމަށް ސަލްމާން ބުންޏެވެ.

އޭނަ ސްޓާރަކަށްވެގެން ދިޔަ ފިލްމު 1989 ގެ "މޭނޭ ޕިޔާރު ކިޔާ" ގެ ޑައިރެކްޓަރު ސޫރަޖާ އެކީ އެންމެ ފަހުން ސަލްމާން މަސައްކަތްކުރީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ގަ އެވެ.

ދަރުމާ އަށް ސަލްމާން ސޮއިކޮށްފައިވާ "ދަ ބުލް" އަކީ އެ ސްޓޫޑިއޯގެ 2021 ގެ "ޝޭރުޝާ" ގެ ޑައިރެކްޓަރު ވިޝްނޫވަރުދާން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމަކީ ކަރަން ޑައިރެކްޝަނަށް ނުކުތް 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ ރޯލެއް ކުޅުނު ފަހުން ދަރުމާގެ ފިކްމެއް ސަލްމާން ކުޅޭ ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ދަ ބުލް" ގައި ސަލްމާން ކުޅޭނީ ސިފައިންގެ މީހެއްގެ ރޯލެވެ. އަދި އެއީ ޕެރަމިލިޓަރީ އޮފިސަރެއްގެ ރޯލެވެ. މިދިޔަ މަހު އަޑުއެރި ގޮތުން "ދަ ބުލް" ގައި ރާއްޖޭގެ "ނޮވެމްބަރު 3" ހާދިސާއާ ވެސް ގުޅުމެއް އޮންނާނެ އެވެ. އިންޑިއާ އަކީ ނޮބެމްބަރު 3، 1988 ގައި ވެރިރަށް މާލެ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރާއްޖެ އަށް ވަރަށް ބޮޑަށް އެހީވި ގައުމެކެވެ. އެ ހާދިސާއާ ގުޅިގެން އެ ގައުމުން "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގި އެވެ.

އަންނަ މަހު 58 އަހަރު ފުރޭ ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 12 ގައި ރިލީޒްކުރި "ޓައިގާ 3" އެވެ.