Last Updated: May 2, 15:21
Thursday, May 2, 2024
ޚަބަރު

ގަން އެއާޕޯޓް މަޝްރޫއާ އެކީ "ވެށި ހަލާކު"!

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އެ ރަށުން ބޮޑެތި ބިޔަ ގަސްތަކެއް ކަނޑާލުމާ ގުޅިގެން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ

މި ވާހަކަ އެކި މީހުން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންނެވެ. އެގޮތުން ބައެއް ވަނީ ގަމަށް ފެހިކަމާއި ރީތިކަމާއި ހިޔާ ގެނެސްދޭ ޒަމާންވީ ބޮޑެތި ގަސްތަކެއް ކަނޑާލުމުން އެކަމާ ވަރަށް މާޔޫސްވާ ކަމަށް ބުނެފަ އެވެ. ބައެއް މީހުން ފާހަގަކޮށްފައިވާ ގޮތުގައި ތަރައްގީގެ މަސައްކަތެއް ކުރިޔަސް ތިމާވެއްޓަށް މި ވަރުގެ ގެއްލުމެއް ދޭކަށް ނުވާނެ އެވެ.

ބައެއް މީހުން ފާހަގަކޮށްފައިވާ ގޮތުގައި ގަސްގަހާގެހި ފަދަ ވެއްޓަށް މުހިއްމު ބާވަތެއް ނައްތައިލުމަކީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫނެވެ.

ގަން އެއާޕޯޓް ސަރަހައްދުން ގިނަ އަދަދެއްގެ ގަސްތަކެއް ވަނީ ކަނޑާލައިފަ އެވެ. މީގެ ތެރޭގައި ގިނައީ އެތައް އަހަރެއްވެފައިވާ ބިޔަ ފިތުރޯނު ގަސްތަކެވެ. މި ބާތުގެ ގަހަކީ ގަމުގެ ހާއްސަ ސިފައެކެވެ. ގަމުގައި އެންމެ ގިނައީ ވެސް ފިތުރޯނު ގަހާއި ދަނބުވަތް ފަދަ ބިޔަ ގަސްތަކެވެ.

ގަމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން ބޭސްވެގެން ތިބި ތަނެކެވެ. އެ މީހުން 1976 ގައި އެ ރަށް ސަރުކާރާ ހަވާލުކޮށްފައި ދިޔަ އިރު، ގަމަކީ އެހާތަނަށް ރާއްޖޭގައި އުމްރާނީ ގޮތުން އެންމެ ބޮޑު ތަރައްގީ އަށް ގެނެސްފައި އޮތް ރަށެވެ. ވަރަށް ރޭވުންތެރިކަމާ އެކީ ގަން އޮތީ "އާބަން ޕްލޭނެއް" ގެ ތެރެއިން ވަރަށް ވެސް ހިތްގައިމުކޮށް ތަރައްގީކޮށްފަ އެވެ.

ގަމުގެ ހުރިހާ މަގުތަކެއްގައި ތާރު އަޅައިގެން ހަދާފައިވާ އިރު، ވަރަށް ވެސް ތަރުތީބުން އެ ރަށުގެ ހުރިހާ ދިމާއެއްގައި ގަސްތައް އިންދައި ރަށަށް ފެހިކަމާއި އާރޯކަން ގެނުވާފައިވެ އެވެ. އެގޮތުން ބޮޑެތި ބިޔަ ގަސްތަކުން ގަމަށް ހިތްފަސޭހަކަން ގެނެސްދީފައި އޮތް އިރު، ބޮޑެތި ހުސްބިންތަކުގައި ވިނަ ހައްދައި، ބިން ފެހިފައިވާ އެތައް ތަނެއް ވެސް ގަމުގައި ހުއްޓެވެ.

ނަމަވެސް އެކި ދުވަސްވަރު ގަމުގައި ހިންގި އެކި ކަހަލަ މަޝްރޫއުތަކާ އެކީ ގަމުގެ ރީތިކަމާއި ހިތްފަސޭހަކަން ވަނީ ނަގާލައިފަ އެވެ. ނަތީޖާ އަކީ މިހާރު "ވަރަށް ވީރާނާ" ތަނެއްގެ ގޮތުގައި ގަން ސިފަވުމެވެ.

ގަން އެއާޕޯޓް ތަރައްގީކުރަން މިހާރު ކުރިއަށްދާ މަޝްރޫއުގެ ތެރެއިން ވެސް މި ފެނުނީ ގަމުގެ ވެއްޓަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމެވެ. އެހެން ނޫނީ އެތައް އަހަރަކުން ހެދި ބޮޑުވި ގަސްތައް ކަނޑައި ތިރިކޮށްފައި ނޫން ގޮތަކަށް މި މަޝްރޫއު ހިންގަން އިސްކަން ދެވުނީހެނެވެ.

މި މަންޒަރަކީ ހަމަ ޔަގީނުން ވެސް "ގަމުގެ ރަންޒަމާން" ފެނުނު މީހުންނަށް ވަރަށް ވެސް ހިތްދަތި މަންޒަރަކަށް ނޫނީ ނުވާނެ އެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރަން ވަކާލާތުކުރާ އަޑުގަދަ ޒަމާނެއްގައި ބަލައިގަނެވޭނެ ކަމެއް ވެސް ނޫނެވެ.

ދެހާސް ފަންސަވީހުގައި ނިންމާ ގޮތަށް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްގެންނެވެ.