Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

ކުޑަކުއްޖާ އަށް އަނިޔާކުރި ކަމަށް މެއިޑް އެއްބަސްވެއްޖެ

ބެލުމަށް ހަވާލުކުރި ކުޑަކުއްޖަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ އަންހެން މީހާ ކޯޓުގައި އެކަމަށް އެއްބަސްވެއްޖެއެވެ.

ބެލުމަށް ހަވާލުކުރި ކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުރީ އުމުރުން 22 އަހަރުގެ ސަންދީޕު ކޯރު ނަމަކަށް ކިޔާ އިންޑިއާއަށް ނިސްބަތްވާ އަންހެނެކެވެ. މައްސަލައިގައި މި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބުނެފައިވަނީ އެކަމަކީ އޭނާގެ އަތުން ކުރެވުނު ކަމެއް ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށެވެ.

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ބިދޭސީ އަންހެން މީހާގެ މައްޗަށް ދައުވާކުރުމަށް 10 ދުވަސް ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި މީނާ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އޭނާގެ ފުރަތަމަ ބަންދު މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ ވީޑިއޯ އިން ކުއްޖެއްގެ ގައިގާ ޖަހާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.