Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ބޯހިޔާވަހިކަމުގެ ހާލަތު ބަލާނީ ކައުންސިލްތަކުން

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތު ބެލުމުގެ ކަންކަން ކައުންސިލްތަކުން ކުރިއަށް ގެންދިއުމަކީ އާ ސަރުކާރު ބޭނުންވާ ގޮތް ކަމަށް އާ ހައުސިން މިނިސްޓަރު އަކލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގައި އިއްޔެ ރޭ އޭނަ ވިދާޅުވީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތުތަކަށް ކުރިމަތިލާ އިރު، އެފަދަ މީހުންގެ ހާލަތު ބަލަން ވާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. ހައިދަރު ވިދާޅުވި ގޮތުގައި އެ އުސޫލުން މާލެ ސަރަހައްދު އިސްތިސްނާ ނުވާ ގޮތަށް ކަންކަން ރޭވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވާ ގޮތް ކަމަށެވެ.

"އިންސާފުވެރިކަމާއި ތެދުވެރިކަމާއި ދެފުށް ފެންނަ ގޮތަށް، ޙައްގުވެރިންނަށް އިސްކަން ދޭން ޖެހޭ. އެ ޙާލަތު އެންމެ ބޮޑަށް އިނގޭނީ ކައުންސިލްތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ. "ސޯޝަލް ހައުސިންގެ ކަންކަން އެގޮތަށް ރާވައި ކައުންސިލްތަކާ އެ މަސައްކަތް ހަވާލު ކުރާނަން. މާލެ ނޫން ރަށްރަށުގައި ވެސް އެކަން ކުރަނީ އެހެން."

މާލެ ސަރަހައްދުން އެންމެ ފަހުން ދޫކުރަން ނިންމި ފްލެޓްތަކާއި ގޯއްޗާ ބެހޭ ކަންކަން އާ ސަރުކާރުން މިހާރު އަންނަނީ އިތުރަށް ބަލަމުންނެވެ.