Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

ހަލަބޮލިކުރަން ނިކުންނަމަ ދެއްކެނީ މަވެތިކަމުގެ އިންތިހާ

ފޮޓޯ: ރައީސް އޮފީސް

މިވަގުތު ޤައުމު ހަލަބޮލިކުރަން ނިކުންނަނަމަ އެކަމުން ދެއްކެނީ މަވެތިކަމުގެ އިންތިހާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕާޓީން ވަކިވެވަޑައިގެން އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ރައީސް ޑރ. މުއިއްޒުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ހެލްތް މިނިސްޓަރު ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރައްޔިތުން އެދެނީ ގައުމުގެ ހާލަތު ބަދަލުކޮށް، ރައްޔިތުން އެދޭ ބަދަލު ގެންނަން ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެވައުދުފުޅާއެކު ކަމަށާއި، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރާނެކަމުގެ އެޖެންޑާއާ އެކު ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ހަލަބޮލި 5 އަހަރަށް ފަހު ރައްޔިތުން އެދެނީ ހިތްހަމަޖެހުމާއެކު ދިރިއުޅެން. ރައްޔިތުން އެދެނީ ދިވެހި ގައުމުގެ ގެއްލިފައިވާ ހައިބަތު އިޢާދަކުރަން. ދަރަނި ދަންތުރައިން ނުކުންނަން. ބޯހިޔާވަހިކަން ޙައްލުކުރަން. ރައްޔިތުން މިއެދޭ ބަދަލަށް އިންތިޒާރުނުކޮށް ގައުމު ހަލަބޮލިކުރަން ނުކުންނަމަ އެދެއްކެނީ މަވެތިކަމުގެ އިންތިހާ. ގައުމާ ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ވާންވީ މި އުފެދުނު ގައުމީ ސަރުކާރާއެކު." ޑރ. ޚަލީލް ވިދާޅުވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ ޤައުމަކަށް ވުރެ އެއްވެސް ފަރުދެއް ބޮޑު ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ކުރައްވާކަން ހާމަކުރައްވާފައިވާއިރު އާދީއްތަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.