އިންޑިއާގެ ފިލްމީ ތަރި އަމީތާބް ބައްޗަންގެ އަގުބޮޑު އަދި އެންމެ ހާއްސަ ގެ، "ޕްރަތީކްޝާ" ބަނގްލޯ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަނަށް ދީފި އެވެ.
މީޑިއާތަކުން ބުނީ ދޮށީ ދަރިފުޅަށް އެ ގެ ދިނީ ހަދިޔާއެއްގެ ގޮތުގައި ކަމަށާއި އެ ގޭގެ އަގު 50 ކްރޯޑް ރުޕީސް (ހަ މިލިއަން ޑޮލަރު) އަށް އަރާ ކަމަށެވެ. "ޕްރަތީކްޝާ" އަކީ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށް ޖުހޫގައި ހުންނަ ލަގްޒަރީ ފެންވަރުގެ ގެކެވެ.
ޝްވެތާ އަށް ގެ ހަދިޔާކުރި ރަސްމީ ލިޔުންތަކާ ހަވާލާދީ މީޑިއާތަކުން ދަރިފުޅަށް ގެ ހަދިޔާކުރީ މި މަހުގެ 8 ގައި ކަމަށެވެ. އަމީތާބްގެ ފަސް ގެ ހުރެ އެވެ.
މި ގެ އަމީތާބާއި އަންހެނުން ޖާޔާ ބައްޗަނަށް އެންމެ ހާއްސަވާ ސަބަބުތަކުގެ ތެރޭގައި އެ ގެ އަކީ އަމީތާބްގެ އަމިއްލަ ފުރަތަމަ ގެއަށްވުމާއި އޭނައާ އެކީ މަރުވެފައިވާ މައިންބައިފައިން ގިނަ ދުވަސްތަކެއް ވަންދެން އެ ގޭގައި ދރިއުޅެފައިވުން ހިމެނެ އެވެ.
ޒުވާން ދެ ދަރިން ތިބި އަދި ފިލްމީ މަސައްކަތުގައި އެއްވެސް ވަރަކަށް ނޫޅޭ ޝްވެތާ އަކީ އަމީތާބްގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނަގެ ފިރިމީހާ އަކީ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ނިކިލް ނަންދާ އެވެ. ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ޝްވެތާ އާއި ނިކިލްގެ ދެ ދަރިންނަކީ ނަވިއާ ނަވޭލީ ނަންދާ އާއި އަގަސްޓިއާ ނަންދާ އެވެ.
އަންނަ މަހުގެ 7 ގައި ނެޓްފްލިކްސް އިން އަގަސްޓިއާގެ ފުރަތަމަ ފިލްމު "ދި އާޗީސް" ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.
އަމީތާބްގެ ހަގު ދަރިފުޅަކީ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ އެކްޓަރު އަބީޝެކް ބައްޗަނެވެ. ޝްވެތާ އަށް "ޕްރަތީކްޝާ" ހަދިޔާކުރި އިރު، އަމީތާބާ އެކީ އަބީޝެކްގެ ދެމަފިރިން ދިރިއުޅެނީ "ޖަލްސާ" ކިޔާ އަގުބޮޑު ބަނގްލޯއެއްގަ އެވެ.