ޤައުމުގެ މައްސަލަތައް ހައްލުކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަމަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސް ޑރ. މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއަށް ތައުރީފް ކުރައްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ރައީސް ޑރ. މުއިއްޒުގެ ދެމެދުގައި އުފެދިފައިވާ މައްސަލައިގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ރައީސް މުއިއްޒުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ﷲގެ ވާގިފުޅާއެކު ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ދާނީ ކުރިއަށް ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކުރަނިވި ހައްލު ހޯދުމުގެ ހިއްވަރު ރައީސް ޑރ. މުއިއްޒުގެ ކިބައިގައި ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.
"އަދި އެތައް ގޮންޖެހުމެއްގެ ތެރެއިން ޕީޕީއެމް ޕީއެންސީ މިހާހިސާބަށް ގެނެސްދެއްވުމުގައި އަބްދުއްރަހީމް އަބްދުﷲގެ ލީޑާޝިޕް ފާހަގަ ކުރަން." ސައީދު ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕާޓީން ވަކިވެވަޑައިގެން އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ރައީސް ޑރ. މުއިއްޒުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ކުރައްވާކަން ހާމަކުރައްވާފައިވާއިރު އާދީއްތަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.