ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންނަށް ލާބައާއި މަންފާކުރާ ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕާޓީން ވަކިވެވަޑައިގެން އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ރައީސް ޑރ. މުއިއްޒުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވެރިކަމަކީ އެމަނިކުފާނުގެވެސް ހިމެނޭގޮތަށް އެތައް ރައްޔިތުންގެ ބައިވެރިވުމާ ބުރަ މަސައްކަތާއެކު ގެނެވުނު ވެރިކަމެއް ކަމަށެވެ.
"މިއީ ތިޔަ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ." ނައިބުރައީސް ހުސައިން ވިދާޅުވިއެވެ.
ރައްޔިތުން އިޚްތިޔާރުކުރީ ރައީސް ޑރ. މުއިއްޒުގެ ތަސައްވުރުކަމަށާއި ޑރ. މުއިއްޒު އިސްކުރެއްވީ ރައްޔިތުންގެ މަސްލަހަތުކަމަށް ހުސައިން ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ލާވައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް މި ވެރިކަން ހެދުމަށް ރައީސް ޑރ. މުއިއްޒުއާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.
— Hussain Mohamed Latheef (@HucenSembe) November 25, 2023
ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ކުރައްވާކަން ހާމަކުރައްވާފައިވާއިރު އާދީއްތަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.