ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި އަލީ ރަޝީދު އަދި އަބްދުލްމަންނާން ޔޫސުފް ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމުން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ ހަމަޖައްސަވައިފިއެވެ.
އެންމެފަހުން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު މަގާމުން ރިޓަޔަރ ކުރެއްވުމުން އެކްޓިން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތީ މަންނާނެވެ. އެހެންނަމަވެސް މިއަދު މަންނާނު ވަނީ މިއަދު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.
އެކްޓިން ކޮމިޝަނަރަކަށް އައްޔަނު ކުރެއްވި ފަރުހާދު ފިކުރީއަކީ އެސިސްޓަންޓް ކޮމިޝަނާ ލެވެލްގައި ހުންނެވި ބޭފުޅެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފަރުހާދު އެކްޓިން ކޮމިޝަނަރަކަށް އައްޔަނު ކޮށްފައިވަނީ ޕޮލިސް ބޯޑުގެ ލަފާގެ މަތިންނެވެ.
ފުލުހުންގެ ޤާނޫނު ބުނާގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަރުކަމަށް ބޭފުޅަކު އައްޔަނު ކުރަންޖެހެއެވެ. އެހެންނަމަވެސް އަދި އެ މަގާމަށް ބޭފުޅަކު އައްޔަނު ކޮށްފައެއް ނުވެއެވެ.