އެމްޑީޕީ ދޫކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ޕާޓީއެއް ހެއްދެވިޔަސް، ޕީޕީއެމް ދޫކުރައްވައި އާ ޕާޓީ އަށް އުދައްފަވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވިޔަސް އެވަރު ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ގެންދަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި، އެމްޑީޕީއާ ދެކޮޚަށް މަސައްކަތް ކުރައްވަމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ޒައިދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ނަޝީދަށް ކުރެވުނު ވަރު ވެސް ޔާމީނަށް ނުވާނެ ކަމަށާއި އެ މަނިކުފާނު މިހާރު ކުޅުއްވަނީ ބަތްކައްކާ ކަމަށެވެ.
މިހާރު ރޔ އެ ކުޅުއްވަނީ ސީދާ ބަތްކައްކާ! މިހާރު އެ އިޚްތިޔާރުކުރައްވަނީ ޖަމާޢަތް ދޫކޮށް އެކަނިވެރިކަން! އަޅުގަނޑުގެ އަންދާޒާ އަކީ ރނ އަށް ވީވަރުވެސް ހިޔެއްނުވޭ މިހާރު އެއުޅުއްވާާ ފާޑުން ވެދާނެ ހެނެއް! ވަޒީރުކަން ނުލިބުނު ދެތިންބޭފުޅަކު ވެގެން ރޔ އެ މަގުމަތި ކޮށްލައްވަނީ!
— Ali Zaid (@alizaid1000) November 25, 2023
"މިހާރު ރައީސް ޔާމީން އެ ކުޅުއްވަނީ ސީދާ ބަތްކައްކާ. މިހާރު އެ އިޚްތިޔާރު ކުރައްވަނީ ޖަމާޢަތް ދޫކޮށް އެކަނިވެރިކަން. އަޅުގަނޑުގެ އަންދާޒާ އަކީ ރައީސް މުހައްމަދު އަށް ވީވަރު ވެސް ހިޔެއްނުވޭ މިހާރު އެއުޅުއްވާ ފާޑުން ވެދާނެ ހެނެއް." އޭނަ ވިދާޅުވި އެވެ.
ޒައިދު ސިފަކުރެއްވި ގޮތުގައި ރައީސް މުއިއްޒާ ދެކޮޅަށް ރައީސް ޔާމީން ނުކުންނެވުމަކީ މި ސަރުކާރުން ވަޒީރުކަން ނުލިބުނު ދެތިން ބޭފުޅަކުވެގެން ޔާމީން މަގުމަތިކޮށްލަން ކުރާ ކަމެއްގެ ގޮތުގަ އެވެ.
ޔާމީނާ އެކީ އާ ޕާޓީއެއް އުފައްދަން ކުރައްވާ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ޓެކްނޮޖޮލީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް މާދަމާ އިލެކްޝަން ކޮމިޝަން (އީސީ) ގައި އެދޭނެ ކަމަށެވެ.
ސިޔާސީ ޕާޓީގެ ގަވާއިދު ބުނާ ގޮތުން ހުކުމެއް ތަންފީޒު ކުރަމުން ގެންދާ މީހަކަށް ޕާޓީއެއް އުފެއްދުމެއް ހުއްދައެއް ނުލިބޭނެ އެވެ.
ޔާމީން މިހާރު ގެންދަވަނީ ވ. އާރަށުގެ މައްސަލައިގައި މަނީ ލޯމްޑްރިން އާއި ކޮރަޕްޝަނުގެ ދައުވާއެއް ސާބިތުވެ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.