ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ ފިލްމު ސީރީޒް "މަރުދާނީ" ގެ ތިން ވަނަ ބަޔަށް ތައްޔާރުވާން ފަށައިފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ވަނީ އޭނަ ދެން ކުޅެން އޮތް ފިލްމަކީ "މަރުދާނީ 3" ކަން ކަށަވަރުކޮށް ދީފަ އެވެ. ދެހާހުގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ރާނީ ބުނީ ފިލްމުގެ ސްކްރިޕްޓް ވެސް، 2019 ގެ "މަރުދާނީ 2" ލިޔެ، ޑައިރެކްޓްކުރި ގޯޕީ ޕުތުރާން ނިންމާފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ޕްރޮޑިއުސްކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ ވަނީ ސްކްރިޕްޓަށް ރުހުން ވެސް ދީފަ އެވެ. ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "މުހައްބަތޭން" ފަދަ ފިލްމުތައް ގެނެސްދިން އާދީ އަކީ ރާނީގެ ފިރިމީހާ އެވެ.
ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ރާނީ އަށް ލިބުނު "މަރުދާނީ" ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2014 ގަ އެވެ. އޭގެ ޑައިރެކްޓަރަކީ މި އަހަރުގެ މާޗްގައި މަރުވި ޕްރަދީޕް ސަރުކާރެވެ.
ރާނީގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ.