އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު 13 މެޗުން ލިބުނު 29 ޕޮއިންޓާ އެކު ސިޓީ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 28 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ތިންވަނައިގައި މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން 27 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 27 ވަނަ މިނެޓްގައި އާލިން ހާލަންޑް ވަނީ ސިޓީ އަށް ލީޑު ނަގާދީފަ އެވެ. މިއީ ޕްރިމިއާ ލީގުގައި ކުޅުނު 48 ވަނަ މެޗުގައި ހާލަންޑް ކާމިޔާބު ކުރި 50 ވަނަ ގޯލެވެ. ހާލަންޑަކީ އެންމެ އަވަހަށް ލީގުގައި 50 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. މި ރެކޯޑު މީގެކުރިން އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންޑީ ކޯލްގެ އަތުގަ އެވެ.
ދެވަނަ ހާފުގައި ސިޓީ އަށް ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު ލިވަޕޫލުން ވެސް ދިޔައީ މި ހާފުގައި ކައުންޓަ އެޓޭކުތަކުގައި ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޓްރެންޓް މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މި ނަތީޖާއާއެކު ސިޓީން އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް މިހާރު ވަނީ ނިމުން އައިސްފަ އެވެ. އެންމެފަހުން ސިޓީގެ ދަނޑުގައި ކުޅުނު 23 މެޗުން ވެސް އެޓީމު ވަނީ މޮޅުވެފަ އެވެ.
ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ އެވެ. ލިވަޕޫލް ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.