ކައި ހަވެޓްޒްގެ ގޯލުން ބްރެންޓްފޯޑް 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް އާސެނަލް އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ ކުޅުނު 13 މެޗުން ލިބުނު 30 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 29 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު އާސެނަލަށް މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ކައި ހަވެޓްޒް އެވެ.
ބުކާޔޯ ސަކާ ބްރެންޓްފޯޑުގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހަވެޓްޒްގެ ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ އާސެނަލަށް ބަދަލުވިފަހުން ހަވެޓްޒް އެޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ގޯލެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ޔުނައިޓެޑުން ވަނީ ޗެލްސީ 1-4 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ނިއުކާސަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސާކް އާއި ޖަމާލް ލަސެލްސް އާއި ޖޮއެލިންޓަންގެ އިތުރުން އެންތޮނީ ގޯޑަން އެވެ. ޗެލްސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.
މި މެޗުގެ 73 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
ބޯންމަތް އިން 3-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރިއިރު ބްރައިޓަން އިން ވަނީ 3-2 އިން ނޮޓިންހަމް ފޮރެސްޓު ބަލިކޮށްފަ އެވެ. އަދި ވެސްޓްހަމް ޔުނައިޓެޑުން ވަނީ ފަހަތުން އަރާ 2-1 އިން ބާންލީގެ މައްޗަށް ކުރި ހޯދާފަ އެވެ.