Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަންދީޕްގެ ކައިވެނި 29 ގައި

އިންޑިއާގެ އެކްޓަރު ރަންދީޕް ހޫޑާ މި މަހުގެ 29 ގައި ކައިވެނިކުރާނެކަން އިއުލާންކޮށްފި އެވެ.

އޭނަ އާއި ލޯބިވެރިޔާ ލިން ލައިޝްރާމް މި މަހުގެ ފަހުކޮޅު ކައިވެނި ކުރަން ތައްތާރުވަމުން އަންނަ ކަމަށް މި މަހުގެ ކުރީކޮޅު މީޑިއާތަކުން ވެސް ރިޕޯޓްކުރި އެވެ. ރަންދީޕް އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި އެކަން ކަށަވަރުކޮށްދީ، ކައިވެނީގެ ހަފުލާ އޮންނާނެ ތާރީހަކީ މި މަހުގެ 29 ކަން ކަށަވަރުކޮށް ދީފައިވެ އެވެ.

ރަންދީޕް، 47، ގެ ބައިވެރިޔާ އަކީ ވިޔަފާވެރިއެއްގެ އިތުރުން މޮޑެލްއެކެވެ.

ރަންދީޕްގެ އެކްޓިން ކެރިއަރުގެ ފެށުމަކީ މީރާ ނައިރްގެ 2001 ގެ ކޮމެޑީ-ޑްރާމާ "މޮންސޫން ވެޑިން" އެވެ. އޭގެ ފަހުން އެތައް ފިލްމެއް ކުޅުނު ނަމަވެސް ލީޑް އެކްޓަރަކަށް ވުރެ ބޮޑަށް ރަންދީޕް ފާހަގަކުރެވިފައި ވަނީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގަ އެވެ. އޭނަ ލީޑް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖިސްމު 2"، "މާޑާ 3"، "ހައިވޭ" އަދި "ރަންގް ރަސިއާ" ހިމެނެ އެވެ.

މިހާރު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ އެކްޓަރުގެ އަލަތު ޑައިރެކްޝަނަކީ މަސައްކަތް މިހާރު ކުރިއަށްދާ ބައޮގްރަފިކަލް ޑްރާމާ "ވީރު ސަވަަރްކަރް" އެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުގެ 2020 ގެ ފިލްމު "އެކްސްޓްރެކްޝަން" ގެ ރޯލެއް ވެސް ރަންދީޕް ކުޅެފައިވެ އެވެ.