ޝަރުއީ އެއްވެސް ހުކުމެއް ތަންފީޒުރަމުން އަންނަ މީހަކަށް ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މިހާރު 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފައިވާ އިރު، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ޕާޓީ އުދައްދަން ހުއްދަ ދެވޭނީ ކޮން ޝަރުތުތަކެއް ހަމަވާ މީހަކަށްކަން ގާނޫނާ ހަވާލާދީ ހަނދާންކޮށް ދެއްވައިފަ އެވެ.
ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ އިރު، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުގުވެރިވާކަން ބަޔާންކޮށް، ޝަރުތު ހަމަވާ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހުށަހެޅި ދާނެ އެވެ.
ނަމަވެސް ޕާޓީއެއް އުފައްދަން ހުށަހަޅާ ފަރާތުގައި މި ޝަރުރުތައް ފުރިހަމަވާން ޖެހޭނެކަން ހަބީބު ވަނީ ފާހަގަކުރައްވައިފަ އެވެ.
އެއީ ދިވެހި ރައްޔިތަކަށްވުމާއި، ބުއްދި ސަލާމަތުން ހުރި މީހަކަށްވުމާއި، އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒުކުރެވެމުންދާ މީހަކަށް ނުވުމާއި، އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުމާއި، ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއްކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 3 އަހަރުދު ވަސް ވެފައިވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ކުޑަކުދިންނާ ބަދުއަޚުލާގީ އަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، އަދި ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
މި ޝަރުތުތަކަށް ބަލާ އިރު، ޔާމީން ގެންދަވަނީ ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ ކުށް ސާބިތުގެ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އެ މަނިކުފާނު ކުރިން ތަންފީޒު ކުރައްވަމުން ގެންދެވީ ޖަލުގައި ނަމަވެސް، އެކަމަށް ލުއި ދީ މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ.
އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން ޔާމީނަށް މަނާކޮށްފައިވެ އެވެ.

ނަމަވެސް އެ މަނިކުފާނު ނިސްބަތްވާ ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަން ނިންމައި، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި މިއަދު އީސީ ހުށަހަޅަން ވަނީ ނިންމައިފަ އެވެ. ޕާޓީގެ ނަމާއި ލޯގޯ އާއި ކުލަ ވެސް ރޭ ވަނީ އާންމުކޮށްފަ އެވެ.
ޕާޓީގެ ނަމަކީ ނެޝަނަލް ޕީޕަލްސް ފްރޮންޓް (އެންޕީއެފް) އެވެ.
މި ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ޔާމީންގެ ފަރާތުން ރައީީީސް އިސްކޮށް އުޅުއްވަނީ ކުރީގެ ނައިބު ރައީީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.