އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ނޮވެމްބާ" ގެ ރޯލެއް ކުޅެފައިވާ ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު އެ ފިލްމުގެ ޕްރީމިއާ އަށް ސިންގަޕޫރުން މާލެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަންނަ މަހުގެ 4 ގައި ފިލްމު ޕްރީމިއާކުރާ އިރު، ޕްރީމިއާ ނައިޓްގައި ވަޖީހުގެ އިތުރުން އޭނަގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއީލް ވެސް ބައިވެރިވާނެ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިއަދު ބުންޏެވެ. ތަރީޝް ވެސް "ނޮވެމްބާ" ގެ ރޯލެއް ކުޅެފައިވެ އެވެ. މިއީ އޭނަ ދިވެހި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
ވަހީޖާއި ދަރިފުޅު ހިމެނޭ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ ވެސް އެ މީހުން ދިރިއުޅެމުން އަންނަ ސިންގަޕޫރްގަ އެވެ. ނަމަވެސް ދެބަފައިން "ނޮވެމްބާ" ގައި ފެންނާނީ ކޮން ކަހަލަ ރޯލުތަކަކުން ކަމެއް އަދި ދެ މީހުންގެ ކެރެކްޓާގައި އެއްވެސް ވަރެއްގެ ގުޅުމެއްވާނެތޯ އޮތީ ސަޕްރައިޒެއްގެ ގޮތުގަ އެވެ.
މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) ލީޑް ރޯލު ކުޅެފައިވާ ފިލްމުގައި ވަޖީހު ކުޅެފައި ވަނީ ސޭމް ކިޔާ ކެރެކްޓާއެކެވެ. އޭނަ މީގެ ކުރިން ވެސް ޑާކް ރެއިންގެ ދެ ފިލްމެއްގެ ހާއްސަ ކެމިއޯއަކުން ފެނިފައިވެ އެވެ. އެއީ އެ ސްޓޫޑިއޯގެ 2019 ގެ "މާމުއި" އާއި 2017 ގެ "މީ ލޯތްބަކީ" އިންނެވެ.
ވަޖީހް، 61، އަކީ 90 ގެ ތެރޭގައި ދިވެހި ފިލްމީ ދާއިރާގައި އެންމެ ވިދި އެއް އެކްޓަރެކެވެ. ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް ވެސް ކުޅުނު އެކްޓަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އިހުސާސް"، "ކުލުނު"، "މާޒީ" އަދި "ރަންމުތް" ހިމެނެ އެވެ.
ޑާކް ރެއިނުން މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްގެން ގެނެސްދޭ "ނޮވެމްބާ" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
މީގެ ޑައިރެކްޓަރުންނަކީ އަލީ ޝިފާއު (ޗިއްޕެ) އާއި މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. "ނޮވެމްބާ" ގެ މަންޒަރުތައް މާލެ އާއި ސިންގަޕޫރާއި އައްޑު އާއި. ލ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކެއްގައި ނަގާފައިވެ އެވެ.
މި ފިލްމު ހަދާފައި ވަނީ 1.6 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.