Last Updated: June 8, 07:06
Monday, June 8, 2026
ރިޕޯޓް

ޝަރުއީ ނިޒާމުގެ ހާލާ މެދު ލަދުވެތިވޭ!

ދިވެހިރާއްޖޭގައި މިއޮތީވާ ޝަރުޢީ ނިޒާމެކެވެ. އަޅުގަނޑު މިވާހަކަ މިދަ އްކަނީ ކޮންމެހެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެންނެއް ނޫނެވެ. އަޅުގަނޑުގެ ކުރިމަތީގައި ނަޝީދަށް ވުރެ މިޤައުމުގެ ހުރިހާ ރައްޔިތުންގެ އަގު މާ ބޮޑެވެ.

ނަމަވެސް ނަޝީދުގެ ޝަރީޢަތުގައި ކަންތައް ހިނގާ ދިޔަ ގޮތުން އާންމު ރައްޔިތުން ނަށް މިޤައުމުގައި އިންސާފު ލިބިގެން ދާނީ ކިހާވަރަކަށް ތޯ ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ.

ކުރީގެ ރައީސް ނަޝީދް.
ކުރީގެ ރައީސް ނަޝީދް.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައްޔަރު ކުރުމާއި ގުޅިގެން ނަޝީދުގެ މައްޗަށް ޝަރީއަތް ކުރުން ގޯހެއް ނޫނެވެ. ނަމަވެސް ނަޝީދަށް ވެސް ޤާނޫނީ ގޮތުން ލިބިދޭން ޖެހޭ ޙައްޤުތައް ލިބެން ޖެހެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ނަޝީދު ހައްޔަރު ކުރީ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ. ޙުކުމް އިއްވީ އޭގެ 19 ދުވަސް ފަހުންނެވެ. މައުލޫމާތު ލިބޭގޮތުގައި މާދަމާގެ ވަގުތެއްގައި ނަޝީދުގެ ޙުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލަށް ގެންދާނެ އެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މީހެއްގެ މައްޗަށް ކޯޓެއް ނުވަތަ ޓްރައިބިއުނަލެއްގައި ޖިނާއީ ދައުވާއެއް އުފުލާއިރު ނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑު އެހުމެއްގައި އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވެ އެވެ.

އދ. އިން 1948 ވަނަ އަހަރު ފާސްކޮށް ރާއްޖޭން ވެސް ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ އާންމު ގަރާރުގެ 10 ވަނަ މާއްދާގައި ވެސް ބުނަނީ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

ނަޝީދުގެ ޝަރީއަތް ގޮސްފައިވާ ގޮތަށް ބަލާއިރު އެންމެ މުހިންމު ގޮތެއްގައި ފާހަގަކުރެވޭ އެއް ކަމަކީ، ޝަރީއަތް ފެށުމުގެ މަރުހަލާގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފައި ނުވުމެވެ.

ފޭދޫ. މަރަަދޫފޭދޫ އަދި މަރަދޫ ކޯޓް ހިންގާ އިމާރާތް.   ޝަރުއީ ނިޒާމްގައި މައްސަލަތައް ހުރިކަމަށް ގިނަ ބަޔަކު ޤަބޫލު ކުރޭ.ފޮޓޯ/ އައްޑޫ ލައިވް
ފޭދޫ. މަރަަދޫފޭދޫ އަދި މަރަދޫ ކޯޓް ހިންގާ އިމާރާތް. ޝަރުއީ ނިޒާމްގައި މައްސަލަތައް ހުރިކަމަށް ގިނަ ބަޔަކު ޤަބޫލު ކުރޭ.ފޮޓޯ/ އައްޑޫ ލައިވް

އަޅުގަނޑަކީ ނަޝީދުގެ ސަޕޯޓަރެއް ނޫނެވެ. ނަމަވެސް ހުރިހާ ރައްޔިތުންވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ވާންޖެހޭނެ ކަމަށް ޤަބޫލުކުރާ މީހަކަށް ވާތީ ޝަރުއީ ނިޒާމުން ގޯސްކޮށް ކުރި ކަންތަކުގެ ވާހަކަ ދެއްކެނީ އެވެ.

މިއަށް ވުރެ ވެސް ތަފްސީލުކޮށް ނަޝީދާ މެދު ކުރި ދައުވާގެ ދެކޮޅު ނުޖެހޭ ކަމާއި ޝަރުއީ ދާއިރާގެ ނާއިންސާފު ހާމަކޮށް ދެވޭ ފެންވަރުގެ ނޫސްވެރިން ރާއްޖޭގައި އެބަ ތިއްބެވެ.

ނަމަވެސް އެ މީހުން ވެސް ތިބީ ކަނޑީގެ މިޔަމަތީގައެވެ. ލިޔެވޭ ލިޔުމަކުން ނުވަތަ ފާޅުކުރެވޭ ހިޔާލަކުން ހުރަގެއަށް ވަންނަން ޖެހިދާނެތީ ބިރުން ތިއްބެވީ ކަމަށް ވެދާނެއެވެ.

ނަޝީދުގެ މައްޗަށް މިއިއްވި ޙުކުމަކީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ހޭލައްވާލި ހުކުމަކަށް ވާނެ ކަން އަޅުގަނޑު ޔަޤީންކުރަމެވެ.
ސަބަބަކީ މީގެ ކުރިން ޝަރުއީ ނިޒާމްގައި މައްސަލަތަކެއް ހުރިކަމަށް ޤަބޫލު ކުރީ މަދު ބައެއް ނަމަވެސް މިއަދު ރާއްޖޭގެ ގިނަ ބަޔަކަށް ޝަރުޢީ ނިޒާމުގެ ހުރި ފެންވަރު މިވަނީ ހާމަވެގެން ގޮސްފަ އެވެ.

މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ. ނަޝީދުގެ މައްޗަށް ކުރެވުނު ޝަރީއަތުން ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ތަކުގައި ތިއްބެވި ފަނޑިޔާރުންގެ ފެންވަރު އަޅުގަނޑުމެންނަށް މިވަނީ ހާމަވެގެން ގޮސްފަ އެވެ.

ކަޅު ފައިސާއިން ފަނޑިޔާރުގެ ތައް ގަނެގެން އުޅުއްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަމެވެ. ތިބޭފުޅުންގެ ތި ޙީލަތްތެރި ރޭވުންތައް ވެސް ނިކަމެތި ރައްޔިތުންނަށް އެނގޭނެ ދުވަހެއް އަދި އަންނާނެ އެވެ.