Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ހޭންގްއޯވާ" ގެ އިތުރު ބައެއްގެ ފުރުސަތު ކުޑަ!

ހޮލީވުޑްގެ މަގުބޫލު ކޮމެޑީ ފްރެންޗައިޒް "ހޭންގްއޯވާ" ގެ އިތުރު ބައެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޮތަސް އިތުރު ބައެއް ހެދުމުގެ ފުރުސަތު އޮތް ކަމަށް ނުދެކޭ ކަމަށް އޭގެ މުހިއްމު ރޯލެއް ކުޅުނު މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ ބުނެފި އެވެ.

މިހާރު ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކާމިޔާބު އެކްޓަރު، ޑޭވިޑް ރެމްނިކްގެ ޕޮޑްކާސްޓް ޝޯ، "ދަ ނިއު ޔޯކާ ރޭޑިއޯ އަވާ" އަށް ދިން އިންޓަވިއުއެއްގައި ކޮމެޑީ ރޯލަކުން އަލުން ފެނިދާނެތޯ އާއި "ހޭންގްއޯވާ" ގެ އިތުރު ބައެއް ހަދައިފާނެތޯ އެހުމުން ބުނީ އެކަމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

"އަހަރެން ހަމަ ވަރަށް ބޭނުން ހޭންގްއޯވާ ހަތަރެއް. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ ޑައިރެކްޓަރު ޓޮޑް ފިލިޕްސް ހޭންގްއޯވާގެ އިތުރު ބަޔަކަށް ދާނެހެނެއް. އެކަމަކު އެއީ ވަރަށް ލޯބިވާ ޑައިރެކްޓަރެއް." ކޫޕާ ބުންޏެވެ.

އޭނަ ބުނީ މި ފަހުން ބޮޑަށް ކުޅެފައި ހުރީ ސީރިއަސް ރޯލުތަކެއް ކަމަށްވާތީ "ހޭންގްއޯވާ" ގައި ކުޅުނު ކަހަލަ ހެއްވާ، މަޖާ ރޯލެއް އަލުން ކުޅެން ވެސް ބޭނުންވާ ކަމަށެވެ.

ތިން އެކުވެރިއެއްގެ މަޖާ ކަންތައްތަކެއް ދައްކުވައިދިން "ހޭންގްއޯވާ" ގެ ފުރަތަމަ ފިލްމު 2009 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ބައި ގެނެސްދިނީ 2011 ގަ އެވެ. އަދި ތިން ވަނަ ބައި ރިލީޒްކުރީ 2013 ގަ އެވެ. މި ތިން ފިލްމަށް އާމްދަނީގެ ގޮތުގައި 1.42 ބިލިއަން ޑޮލަރު ލިބުނެވެ.

"ހޭންގްއޯވް" ފްރެންޗައިޒްގެ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ޖޯކީން ފީނިކްސްއާ އެކީ 2019 ގައި ގެނެސްދިން އޮސްކާ އެވޯޑްތަކެއް ވެސް ހޯދި "ޖޯކާ" އެވެ. ޓޮޑް މިހާރު އަންނަނީ މީގެ ސީކްއެލްގެ މަސައްކަތް ކުރަމުންނެވެ.

ކޫޕާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 22 ގައި ރިލީޒްކުރާ އޭނަ ޑައިރެކްޓްކޮށް، ކުޅުނު ބައޮގްރަފިކަލް ޑްރާމާ "މައެސްޓްރޯ" އެވެ.