Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ސިފައިން ފޮނުވާލުމަކުން ވާނެ ފައިދާއެއް ނޯންނާނެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކުން ރާއްޖެ އާއި ދިވެހިންނަށް ވާނެ ވަކި ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ "ކޭޕް ޓައުން ކޮންވަޒޭޝަން" ގެ ހަވާސާގައި އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަލް (އަނީ) އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ އާ ސަރުކާރެއް ކަމަށާއި އެ ސަރުކާރުގެ ހާރިޖީ ސިތާސަތުތައް ތަފާތު ވެދާނެ ކަމަށެވެ. އެކަމަކު އޭގެ ސަބަބަނުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކަށް އަސަރެއް ކުރާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑަކަށް ނޭނގޭ އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގައި ތިބެނެގެން ކަންބޮޑުވެގެން އެ މީހުން އަނބުރާ ގެންދަން އާ ސަރުކާރުން އެދެން ޖެހޭ ސަބަބެއް،" ނަޝީދު ވިދާޅުވި އެވެ. އަދި އަޅުގަނޑެއް ނުދެކެން މީގެ ސަބަބަކުން ރާއްޖެ އާއި ދިވެހިންނަށް ވަކި ފައިދާއެއް ވެސް ކުރާނެ ކަމަކަށް. އަދި މިއީ މިކަން ކުރަން ވާނެ ގޮތް ކަމެއް ވެސް ނުދެކެން."

އެ މަނިކުފާނު ވިދާޅުވީ އިންޑިއާ އަކީ ޒަމާނުއްސުރެ އްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ ގައުމު ކަމަށާއި އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެ އަށް އަބަދު ވެސް ބޭނުން ވާނެ ކަމަށެވެ. އެހެންވެ އަބަދު ވެސް އެކަމަށް ވަކާލާތު ކުރައްވާ ކަމަށާއި މިހާތަނަށް މަޖިލީހުގައި ވެސް އެކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވަމުން ގެންގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަދި އެ ވާހަކަ ދެއްކެވުމުގައި އަޅުގަނޑު ދެމުހުންނާނަން ވެސް މެ،" އެ މަނިކުފާނު ވިދާޅުވ އެވެ. "އަޅުގަނޑުމެންގެ ކުރިމަގު ގުޅިފައި އޮތީ އިންޑިއާއާ އެކީ ބޭއްވާ ގުޅުމެއްގެ މައްޗަށް."

ނަޝީދު ވިދާޅުވީ ރާއްޖޭގެ އާ ސަރުކާރުން ވެސް އެކަމާ ދޭތެރޭ ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ސިޔާސަތަށް އާ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މި މަހުގެ 17 ގައި ހުވާކުރެއްވުމަށް ފަހު މުއިއްޒު ވަނީ އިންޑިއާ ސިފައިން ގެންދަން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެއީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ.

ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބެން ބޭނުން ނުވާ ކަމަށާއި އެއީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުން ހުރި ކަމެއް ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ސިފަކުރާ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރަކީ "ޕްރޯ ޗައިނާ" ސަރުކާރެކެވެ. ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ "ޕްރޯ" ވާނީ ރާއްޖެ ކަމަށެވެ.