އެކްޓަރު ރަންބީރް ކަޕޫރަކީ ދަރިއަކަށް ލިބޭނެ އެންމެ ރަނގަޅު ބައްޕަ ކަމަށް ބުނެ، އޭނަގެ ބަފާބެ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް ދަނބިދަރިފުޅަށް ތައުރީފުކޮށްފި އެވެ.
ރަންބީރްގެ އަންހެނުންނަކީ މަހޭޝްގެ ހަގު ދަރިފުޅު މަޝްހޫރު ބަތަލާ އާލިއާ ބަޓެވެ. ރަންބީރާއި އާލިއާގެ ދަރިފުޅު ރާހާ ކަޕޫރަށް އަހަރެއް ފުރުނީ މި މަހުގެ 6 ގަ އެވެ. އެ ދެ ތަރިން ކައިވެނިކުރީ މިދިޔަ އަހަރުގެ އެޕްރީލްގަ އެވެ،
ރަންބީރަށް މަހޭޝް ތައުރީފުކުރީ ހުނަރުވެރި އެކްޓަރުގެ ކުރިއަށް އޮތް ފިލްމު "އެނިމަލް" ގެ ޕްރޮމޯޝަންގެ ތެރެއިން ރޭ ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 13" ގެ އެޕިސޯޑްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވުމުން ފޮނުވި ވީޑިއޯ މެސެޖެއްގަ އެވެ.
Mahesh Bhatt about Superstar Ranbir Kapoor ❤️
The way RK loves Raha has not been hidden from us 🫶🫶
This phase is the best he could have wished for 🧿#RanbirKapoor #AnimalTheFilm #Animal pic.twitter.com/3YZvEzfLs7— ranbir_ki_muskaan (@Ranbirian4ever) November 25, 2023
އެ މެސެޖްގައި މަހޭޝް ބުނީ ރަންބީރަކީ މިހާރު އިންޑިއާގެ އެންމެ މޮޅު އެކްޓަރުގެ ގޮތުގައި އާލިއާ ފާހަގަކުރާ ކަމަށެވެ.
"އެއާ ވިއްދައިގެން އަހަރެން ބުނަން އޮތީ ރަންބީރަކީ ދަރިއަކަށް ލިބޭނެ އެންމެ ރަނގަޅު ބައްޕައޭ،" ފުރަތަމަ ކާފަދަރިފުޅުގެ ބައްޕަ އަށް އިޝާރާތްކޮށް މަހޭޝް ބުންޏެވެ. "ރާހާ އެކީ ރަންބީރް ވަގުތު ހޭދަކުރާ މަންޒަރު ފެންނަ މީހަކަށް އެކަން އިހުސާސް ކުރެވޭނެ. ތި ކަހަލަ ދަނބިދަރިއެއް ލިބުނީ ފަހުރުވެރި ވެސް ވަން."
މަހޭޝް ބުނި ގޮތުގައި ރަންބީރްގެ މަންމަ ނީތޫ ކަޕޫރް ވެސް އެކަން ފާހަގަކުރެ އެވެ.
"ނީތޫ ބުނަން ވެސް ބުނޭ ރަންބީރްގެ ފަރާތުން ރާހާ އަށް ލިބޭ ލޯތްބަކީ މައެއްގެ ފަރާތުން ނޫނީ ދަރިއަކަށް ނުލިބޭ ވަރުގެ ލޯތްބެކޭ ފެންނަނީ." މަހޭޝް ބުންޏެވެ.
ބަފާގެ ވާހަކަ އަޑު އަހާފައި ވަރަށް އުފާވެފައި ރަންބީރް ބުނީ ބަފާގެ ޓެސްޓުން އޭނަ ފާސްވެއްޖެ ކަމަށް މިހާރު ގަބޫލުކުރާ ކަމަށެވެ.
"ކުރިއަކުން އަހަރެން ގާތު ވެސް އެކަހަލަ ވާހަކައެއް ބަފާބެ ނުދައްކާ." ވަރަށް އުފާވެފައި ރަންބީރް ބުންޏެވެ.
އަންނަ މަހުގެ 1 ގައި ރިލީޒްކުރާ "އެނިމަލް" ގެ ޕްރޮމޯޝަނަށް އައިޑޮލްގައި ރަންބީރާ އެކީ ފިލްމުގެ ބަތަލާ ރަޝްމިކާ މަންދަނާ ވެސް ބައިވެރުވި އެވެ.