Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

ނޮވެމްބަރު 3 ގެ މޭސްތިރިޔާ ލުތުފީ މިނިވަން ވަނީ

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިއަދު މިނިވަންވާނެއެވެ.

ކަރެކްޝަނަލް ސާވިސްއިން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލުތުފީގެ މައްޗަށް އިއްވާފައިވާ ހުކުމް މިއަދު ހަމަވާނެ ކަމަށާއި އެހެންކަމުން ލުތުފީ މިއަދު މިނިވަން ވާނެ ކަމަށެވެ.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. ނަމަވެސް ބޭސްފަރުވާ އަށް 2010 ގައި ރާއްޖެއިން ބޭރަށް ފޮނުވުމުން އޭނާ ވަނީ ފިލާފައެވެ. ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ރާއްޖެ އައިސްފައިވަނީ 2019 ވަނަ އަހަރުގައެވެ.

ނޮވެމްބަރު 3 ގެ މައްސަލައިގައި ލުތުފީގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމް އޭނާ ތަންފީޒުކޮށް ނިމިފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. ފިލި މައްސަލައިގައި ލުތުފީގެ މައްޗަށް ވަނީ 7 މަހާ 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް މިއަދު ތަންފީޒުކޮށް މިއަދު ނިމޭނެއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލާފައިވެއެވެ.