އިންޑިއާގެ އެކި ހިސާބުތަކުގައި ސިނަމާތަކެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބޮލީވުޑްގެ ތަރި ސަލްމާން ބުނެފި އެވެ.
އިންޑިއާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސަލްމާން ބުނީ ސިނަމާތަކެއް ހުޅުވުމަކީ އޭނަ ވަރަށް ކުރިން ފެށިގެން ވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން އެ ޕްރޮޖެކްޓް ފަށަން ޕްލޭންކޮށް މަސައްކަތްތަކެއް ކުރިއަށް ދަނިކޮށް، ކޮވިޑާ ހެދި އެކަން މަޑުޖައްސައިލަން ޖެހުނީ ކަމަށް ބުންޏެވެ.
ކުރިން އަޑު އަރާފައިވާ ގޮތުން ސަލްމާން ބޭނުން ވަނީ އިންޑިއާގެ ތަރައްގީވެފައިވާ ހިސާބުތަކުގެ އިތުރުން ރަށްފުށުގެ ގިނަ ހިސާބުތަކެއްގައި ވެސް ސިނަމާތަކެއް ގާއިމުކުރާށެވެ. އެގޮތުން އޭނަ ހުޅުވާ ސިނަމާތަކަށް "ސަލްމާން ޓޯކީސް" ކިޔަން ނިންމާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ
މި ޕްލޭނާ ބެހޭ ގޮތުން ސަލްމާން މިދިޔަ ހަފުތާގައި މުމްބާއީ މިރާއާ ވާހަކަ ދައްކަމުން ބުނީ މިހާރު އަމާޒަކީ ސިނަމާ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ފެށުން ކަމަށެވެ.
"މިކަން މަޑުމަޑުން ފަށައިގެން ކުރިއަށް ގެންދަން ބޭނުން ވަނީ." މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ޓައިގާ 3" ގެ ބަތަލު ބުންޏެވެ.
"ބީން ހިއުމަން" ގެ ނަމުގައި ތަފާތު ވިޔަފާރި ހިންގަމުން އަންނަ ސަލްމާން ބުނި ގޮތުގައި ސިނަމާތަކަށް ގޮސް ފިލްމު ބެލުމުގެ ފޯރި އާއި ޖޯޝް އާންމުންގެ މެދުގައި އިތުރުކުރުމަށްޓަކައި ޓިކެޓް ޓެކްހާ ނުލައި ވިއްކޭނެ ގޮތެއް ވެސް ވަރަށް މުހިއްމެވެ. އެހެންވެ އެކަމަށް ވެސް މަގުފަހި ކުރާނެ ކަމަށް ބުންޏެވެ.
ކޮވިޑްގެ ތިން އަހަރުގެ ތެރޭގައި އިންޑިއާގެ ސިނަމާގެ ވިޔަފާރި އެއްކޮށް ހުއްޓުމަށް އަ އެވެ. މީގެ ސަބަބުން ދުނިޔޭގައި އެންމެ ގިނަ ފިލްމު އުފައްދާ ގައުމުގެ ފިލްމީ ވިޔަފާރި އަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރި އެވެ. ނަމަވެސް ކޮވިޑަށް ފަހު، ސިނަމާތަކުގައި ފިލްމު ބެލުމުގެ ފޯރި އަނެއްކާ ވެސް އިންޑިއާގައި މިހާރު ވަރަށް ގަދަ އެވެ.
ސަލްމާން ސިނަމާތަކެއް ހުޅުވަން މަސައްކަތްކުރާ އިރު، މަޝްހޫރު ތަރި، އަޖޭ ދޭވްގަން އަކީ ވެސް ސިނަމާތަކެއް ހިންގަމުން އަންނަ ތަރިއެކެވެ. އޭނަ މިހާތަނަށް އިންޑިއާގެ އެކި ސިޓީތަކުގައި ޒަމާނީ ސިނެމާތަކެއް ހުޅުވާފައިވެ އެވެ. އަޖޭގެ ސިނަމާ ޗެއިން އަށް ކިޔަނީ "އެންވައި ސިނެމާ" އެވެ. އެން އަކީ އަޖޭގެ ދޮށީ ދަރިފުޅު ނީސާ ދޭވްގަންގެ ނަމުގެ ފެށޭ އަކުރެވެ. ވައި އަކީ ފިރިހެން ދަރިފުޅު ޔުގް ދޭވްގަންގެ ނަމުގެ ފެށޭ އަކުރެވެ.