Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ކިރާ މަހަށް ދެ ހަފުތާ ތެރޭގައި ފައިސާ

މަސްވެރިން ދެން ކިރާ މަހަށް މިފްކޯ އިން ގިނަވެގެން ދެ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަމުން ދާނެ ކަމަށް އާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ނައިފަރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑެތި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ސްޓޯރޭޖުގައި ހުރި ދަތިތަކާއި ކިރާ މަހަށް ފައިސާ ލިބުން ލަސްވުމާއި އެކަމުގައި އުފުލަން ޖެހޭ ތަކުލީފުތައް ކަމަށެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި ފައިސާގެ ތާށިތަކެއް ހުރުމާ އެކީ މަސްވެރިން ކިރުވާފައިހުރި މަހަށް ފައިސާ ނުލިބި ތިބޭތާ ދެ މަހެއްހާ ދުވަސް ވެސް ވެއްޖެ އެވެ. އެގޮތުން ސަރުކާރު ބަދަލުވި އިރު 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކަން. ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެގޮތުން ތިރީސް މިލިއަން ރުފިޔާ، ޔަގީނުން ވެސް މިދިޔަ ހަފުތާގައި ވާނީ ދެއްކިފައި. މިހާރު އޮތް ބެކްލޮގަށް ވަރަށް ބޮޑު ލުޔެއް އެ ދެވެނީ." މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމު މިދާޅުވީ ކުރިން މަސްވެރިން ކިރުވާ މަހަށް ހަފުތާއެއްގެ ތެރޭގައި ފައިސާ ލިބޭ ކަމަށާއި އެހެންވެ މަސްވެރިން އަބަދު ވެސް އުންމީދު ކުރަނީ އެގޮތަށް އެ މުއާމަލާތް ހިނގާނެ ކަމަށެވެ.

"އެހެންވީމަ އެއް މަސް، ދެ މަސް މަސްވެރިންނަށް ފައިސާ ނުލިބި ދިގުލައިގެންދާ ކަމުގައިވާ ނަމަ އެއީ ވަރަށް ގިނަ އާއިލާތަކަށް ލިބޭ ބޮޑު ނިކަމެތި ކަމެއް ހަގީގަތުގައި." އޭނަ ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ކިރާ މަހަށް ވަގުތުން ފައިސާ ލިބުމަކީ މިހާރުގެ ހާލަތު އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

"އެހެން ނަމަވެސް މަސްކޮޅު ކިރާލާފައި ހަފްތާއެއް ވަރު ހިނގައިދާނެ ކަމަށް މަސްވެރިން ގަބޫލުކުރޭ. ދެ ހަފްތާ ވެސް ހިނގައިދާނެ ކަމަށް، އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރޭ." ޝިޔާމު ވިދާޅުވި އެވެ. "މަސްވެރިންނަށް އުނދަގޫ ނުވާނެ މުއްދަތަކަށް މި އޮންނަނީ ގިނަވެގެން ދެ ހަފުތާ. އަޅުގަނޑުމެންގެ އަމާޒަކަށް ވެސް މި އޮތީ ގިނަވެގެން ދެ ހަފުތާގެ ތެރޭގައި."

އެހެންވެ މިފްކޯއާ އެކީގައި މަސައްކަތްކޮށްގެން، އެގޮތަށް އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.