ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުން ވާނީ ދަށުދަރަޖައިގެ ކަމަކަށް ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ހޯދުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ބޭފުޅުން ވާހަކަ ދައްކާކަމުގެ އަޑުތަކެއް އިވިފައިވާ ކަމަށެވެ. އެވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަމެއް އެއްވެސް ވަރަކަށް ނޭންގޭ ކަމަށާއި އެހެންނަމަވެސް އެމްޑީޕީން އެފަދަ ކަމެއް ނުކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ހޮވިގެން އަންނަ ސަރުކާރެއްގެ ކެބިނެޓަށް އައްޔަނުކުރާ ފަރާތަކާ ޒާތީގޮތުން ދިމާކޮށްލައިގެން ރުހުން ނުދިނުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށެވެ.
"އޭގެ މާނައަކީ ރައްޔިތުން ނިންމި ސަރުކާރު ހިންގުމަށްޓަކައި ހުރަސްއެޅުންތަކެއް، އެމްޑީޕީގެ ފަރާތުން އެފަދަ ކަމެއް ކުރައްވަފާނެކަމާމެދު އަޅުގަނޑު ނުދެކޭތީ. ދެން އެކަން އެގޮތަށް ކުރެއްވުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް އަޅުގަނޑު ގަބޫލުކުރާ ވާހަކަ ދަންނަވާލީ." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ވަޒީރަކަށް ރުހުން ދިނުމަށްފަހު އެބޭފުޅަކު ޤާނޫނާ ހިލާފަށް ކަޥަމެއް ކުރުމުން އިތުބާރު ނެތްކަމަށް ލައިގެން އެބޭފުޅަކު ބޭރު ކުރެވިދާނެ ކަމަށެވެ. އެހެން ނޫންނަމަ އެކަމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.