ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރެއްގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާއިރު މި ބައްދަލުވުމުގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލައިގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވިދާޅުވީ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވާފައިވާ ބައެއް ބޭފުޅުން ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ވަޒީރުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތްތޯ ބެލުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
އެގޮތުން ކުރެވުނު މަޝްވަރާގެ ތެރެއިން މެންބަރު އިބްރާހިމް ނަސީމު ހުށަހެޅުއްވީ ސީދާ ރައީސް އޮފީހަށް ލިޔެގެން އެ މައުލޫމާތު ހޯދުމަށެވެ. އަދި މި ހުށަހެޅުއްވުމަށް މެންބަރު ހުސެއިން ފިރުޝާން ވަނީ ތާއީދުކުރައްވާފައެވެ.
އެހެންކަމުން މިއަދު ކޮމިޓީން ނިންމާފައިވަނީ އެ މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހުގައި އެދުމަށެވެ.
ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކީ ދިވެހިރައްޔިތަކަށްވާންޖެހޭނެ ކަމަށާއި އަދި ބޭރު ޤައުމެއްގެ ރައްޔިތަކަށް ވެގެން ނުވާނެ ކަމަށެވެ.