މިފްކޯ އަށް ކަންނެލި ގަންނަން ތައްޔާރުވަމުން އަންނަ ކަމަށް އާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަސް ކުންފުންޏަށް، ކަންނެލި ގަންނަން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ވެސް ކަމަށެވެ. އަދި އެއީ ރައީސްގެ "14 ހަފުތާ" ގެ މަގުޗާޓްގައި ވެސް ހިމެނޭ ކަމަކަށްވާތީ މިފްކޯ އަށް ކަންނެލި ގަތުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް ޝިޔާމު ވިދާޅުވި އެވެ.
މިފްކޯ އަށް ކަންނެލި ކިލޯއެއް ގަންނަން ސަރުކާރުން ކަނޑައަޅާ އެންމެ ދަށް އަގަކީ 80ރ. އެވެ.
"ކަންނެލި މިފްކޯއަށް ކިރާނެ ވާހަކަ އަކީ ރައީސްގެ ވައުދުފުޅެއް. މިފްކޯ އަށް ކަންނެލި ކިރޭނެ ގޮތެއް ވީހާ ވެސް އަވަހަށް ހޯދުމުގެ މަސައްކަތްކުރަމުން މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އެގޮތުން ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް އެބަދޭ."
މިފްކޯ އަށް އާންމު ގޮތެއްގައި އަންނަނީ ކަޅުބިލަ މަހެވެ.