މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތައިލޭންޑްގައި ބޭއްވި ކައިވެނި ޕާޓީއެއްގައި ފިރިހެނަކު އޭނަގެ އަނބިމީހާ މަރާލައި އަމިއްލަ އަށް މަރުވެއްޖެ އެވެ.
މިޑިއާތަކުން ބުނީ ދެމަފިރިންގެ ފުރާނަ ދުއްވައިލުމުގެ އިތުރަށް ކައިވެނި ޕާޓީގައި ބައިވެރިވި އާއިލާގެ އިތުރު ދެ މީހަކު ވެސް ފިރިހެން މީހާ ބަޑިން ދިން ހަމަލާގައި މަރުވެފައިވާ ކަމަށެވެ. އަމިއްލަ ކައިވެނީ ޕާޓީގައި "ގަތުލު އާންމެއް" ހިންގައި އަމިއްލަ ފުރާނަ ދުއްވައިލި ޗތުރަންގް ސުކްސުކް ކިޔާ 29 އަހަރުގެ މީހާ އަކީ ކަނާތު ފައި ބުރިކޮށްފައިވާ ކުރީގެ ސިފައިންގެ މީހެކެވެ. އަދި އޭނަ އަކީ ޕެރަ-އެތުލީޓެކެވެ.
އޭނަ މަރާލި މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުން ކަންޗަނާ ޕަޗުންތުއެކް، 44. ގެ އިތުރުން އަންހެނުންގެ 62 އަހަރުގެ މަންމަ އާއި 38 އަހަރުގެ އަންހެން ކޮއްކޮ އެވެ.
މީޑިއާތަކުން ބުނީ މި "ގަތުލުއާންމު" ހިންގީ ޕާޓީގައި ހުރެފައި، އެނބުރި ބަޑިއެއް ހިފައގެން ގޮސް ދިން ހަމަލާތަކުގައި ކަމަށެވެ. އަންހެނުންނާއި އޭނަގެ މަންނަ އާއި ކޮއްކޮ މަރައިލުމަށްފަހު ސުކްސުކް އޭނަގެ އަމިއްލަ ގަޔަށް ބަޑި ޖަހައިގެން މަރުވީ އެވެ.
މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި "ގަތުލުއާންމު" ހިންގި ސީދާ ސަަބެއް ސާފެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ބައެއް މީހުން ބުނެފައި ވަނީ ސުކްސުކް އަންހެނުން މަރާލީ ދެ މީހުންގެ އުމުރުގައި ހުރި ފަރަގާ މެދު ހިނގި ޒުވާބުގަނޑަކަށް ފަހު އެވެ. އެކަމަކު އެ ދެ މީހުން ކައިވެނިކުރީ ތިން އހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ކަމަށް ވެސް އެ މީހުންނާ ގާތް ބަޔަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ ހަމަލާ ދިން އިރު ސުކްކުކް އިނީ ވަަރަށް ގަދައަށް މަސްތުވެގެން ކަމަށެވެ. އަދި ދޭން ބޭނުން ކުރި ބަޑި އަކީ އޭނަ މިދިޔަ އަހަރު ގަތް އެއްޗެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.