Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"އެނިމަލް" ދިގުވުމަކީ މައްސަލައަކަށް ނުވާނެ

އަންނަ މަހު ރިލީޒްކުރާ ރަންބީރް ކަޕޫރްގެ ފިލްމު "އެނިމަލް" ގެ ޑިއުރޭޝަން މާ ދިގު ކަމަށް ބުނާތީ އެކަން ދިފާއުކޮށްފި އެވެ.

ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ހައިދަރުއާބާދޫގައި އިއްޔެ ބޭއްވި އިވެންޓެއްގައި ރަންބީރް ބުނީ އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަ ފިލްމުގެ ދިގުމިނަކީ ތިން ގަޑިއިރާއި 21 މިނިޓް ކަމަށެވެ. އޭނަ ބުނި ގޮތުގައި "އެނިމަލް" ގެ އެ ޑިއުރޭޝަނަކީ ފިލްމުގެ ވާހަކަ އެންމެ ރަނގަޅަށް އިންސާފުކޮށްދޭން އެންމެ ބޮޑަށް ކުރު ކުރެވެން އޮތް މިންވަރު ކަމަށެވެ.

ރަންބީރް ބުނީ ފުރަތަމަ ކަޓްގައި ދިގުމިން ހަތަރު ގަޑިއަށް ވުރެ ދިގު ކަމަށެވެ.

"އެހެންވެ ޑައިރެކްޓަރު މިހާރު އެ އޮތީ ފިލްމު ކުރު ކުރެވެން އޮތް އެންމެ ބޮޑަށް ކުރުކޮށްފައި. އަހަރެން ބުނާނީ މި ފިލްމު ބަލަން އޯޑިއަންސް ސިނަމާތަކުގައި ތިބޭ އިރު، ފިލްމު ދިގުވެގެން ޝަކުވާ ކުރާނެ ފުރުސަތެއް ނުލިބޭނޭ،" ރަންބީރް ބުންޏެވެ. "އެހެންވީމަ ޑިއުރޭޝަން އެއްވެސް މައްސަލައަކަށް ނުވާނެ ކަމަށް ގަބޫލުކުރަން."

ހުނަރުވެރި އެކްޓަރު ބުނި ގޮތުގައި "އެނިމަލް" އަކީ އޭގެ ވާހަކަ އަށް ބަލާ އިރު، ކޮންމެ ކެރެކްޓާއެއްގެ ފުންކަމާ އެކީ ވަކި ފިލްމަކަށް ފެތޭ ވަރުގެ ވަރުގަދަ ކެރެކްޓާތަކެއް ކަމަށެވެ. އަދި މިއީ ވަރަށް ޝައުގުވެރި އަދި ބެލުންތެރިން ދެން ވާނީ ކިހިނެއްތޯ ބެލުމުގެ އިންތިޒާރުގައި ތިބޭ ކަހަލަ ފިލްމަކަށް ވާނެ ކަމަށެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" އަކީ 2019 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަބީރު ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ހަދާފައިވާ ޑާކް އެކްޝަން ތުރިލާއެކެވެ. މީގެ މައިގަނޑު ޕްލޮޓް އެނބުރެނީ ފިރިހެން ދަރިއަކާއި ބައްޕައެއްގެ ގުޅުމެއްގެ މައްޗަށެވެ.

ރަންބީރްގެ ބައްޕަގެ ރޯލު "އެނިމަލް" ގައި ކުޅެފައި ވަނީ އަނިލް ކަޕޫރެވެ. މީގެ ކާސްޓުންގެ ތެރޭގައި ރަޝްމިކާ މަންދަނާ، ބޮބީ ޑިއޯލް، ޓްރިޕްތީ ދިމްކީ، ޝަކްތީ ކަޕޫރް އަދި ސުރޭޝް އޮބެރޯއީ ހިމެނެ އެވެ.

ސަންދީޕް ބުނީ "އެނިމަލް" ވާނީ މިހާތަނަށް އިންޑިއާގެ ސިނަމާއިން ފެންނާނެ ބައްޕައަކާއި ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ އެންމެ ވަރުގަދަ ފިލްމަށް ކަމަށެވެ.

"އެ ޔަގީންކަން ދެން. މިއީ މީގެ ކުރިން ފެނިފައި ނެތް ކަހަލަ ފިލްމަކަށް ވާނެ،" އޭނަ ބުންޏެވެ. "އެހެންވީމަ ބެލުންތެރިން ފިލްމުގެ ދިގުމިނާ މެދު ކަންބޮޑުވާނެ ފުރުސަތެއް ނުލިބޭނެ."

"އެނިމަލް" އަކީ ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ރަންބީދްގެ މި އަހަރުގެ ދެވަނަ ފިލްމެވެ. އޭނަގެ މި އަހަރުފެ ފުރަތަމަ ފިލްމަކީ މާޗްގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ، މޭ މައްކާރް" އެވެ.