Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް އިންކުއަރީއެއް

މެންބަރު އަބްދުލްމުޣުނީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީއެވެ. ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީޤަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.

މުޣުނީގެ ގަރާރުގައި ބުނެފައިވަނީ، އެމްޑީޕީ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ މިކަމުގެ ތެދު ހަގީގަތް ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާ ހުށަހަޅާފައިވާ މި ގަރާރުގެ ފުރަތަމަ ކިޔުން މިއަދު އިއްވާފައިވާއިރު މި އިންކުއަރީ ހެދުމަށް ނިންމާފައިވަނީ އެމްޑީޕީ ގައުމީ މަޖިލީހުން އުކުޅަހުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ.